ޚަބަރު

ހުށަހެޅުނު ގިނަ މައްސަލަތައް މިހާރު ވަނީ ކޯޓަށް ފޮނުވިފަ- ޕީޖީ


ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އަމަލުކުރަންފެށި ފަހުން ފުލުހުން ތަހްޤީގު ނިންމާ ފޮނުވި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކުގައި ދައުވާކުރުމަށް ފޮނުވާފައިވާކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ޢާއިޝަތު ބިސާމް ވިދާޅުވީ އެ އޮފީހުގައި ހުރި ގިނަ އަދަދެއްގެ މައްސަލަތަކުގައި ދައުވާކުރުމަށް މިހާރު ކޯޓަށް ފޮނުވާފައިވާކަމަށެވެ. މިގޮތުން ފޮނުއްވި ބައެއް މައްސަލަތަކުގެ ތަފްސީލު ދެއްވަމުން ޕީޖީ ވިދާޅުވީ މިހާތަނަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި މަސްތުވާ ތަކެއްޗާ ގުޅޭ 13 މައްސަލައަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތިން މައްސަލަ ހިމެނޭކެމަށެވެ. މީގެއިތުރުން ޖިހާދަށްކަމަށް ބުނެ ސޫރިޔާއަށް، ދާން އުޅުނު ކަމުގެ ތުހުމަތުގައި ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ކުރުމަށް ކޯޓަށް ފޮނުވާފައިވާކަމަށްވެސް ޕީޖީ އައިޝަތު ބިޝާމް ވިދާޅުވިއެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހު ޢަމަލުކުރަން ފެށި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައިވާ ގޮތުން ފުލުހުން ބަލާ މައްސަލައެއް 30 ދުވަހުގެ ތެރޭގައި ތަޙްޤީގްކޮށް ނިންމަންޖެހެއެވެ. އަދި ބަންދެއްގެ ހުންނަ މީހެއްގެ މައްސަލަ ފުލުހުން ޕީޖީއަށް ފޮނުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީން ދައުވާކުރަންޖެހެއެވެ. އަދި ފުލުހުންގެ ބަންދެއްގައި ނެތް މީހެއްގެ މައްސަލައެއް ތަޙްޤީގްކޮށް ޕީޖީއަށް ފޮނުވާތާ 45 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގައި ދައުވާކުރުމަށް ކޯޓަށް ފޮނުވަންޖެހެއެވެ.