ރާއްޖޭގެ ސިޔާސީ މަސްރަޙް ހަލަބޮލިކޮށްލުމަށް ބަޔަކު މަސައްކަތްކުރި ނަމަވެސް ދިވެހި ސަރުކާރު ފެންނަނީ ވަރަށް ހަރުދަނާކަމާ ސާބިތުކަމާއެކުކަމަށާއި، ރާއްޖޭގެ އިންތިޚާބީ ސަރުކާރަށް ފަލަސްތީނުން އަބަދުވެސް ތާޢީދުކުރާނެކަމަށް ރާއްޖޭގައި ހުންނަވާ ފަލަސްތީންގެ ސަފީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ރާއްޖޭގައި ހުންނަވާ ފަލސްތީންގެ ސަފީރު ޑރ.އަންވަރު އަލް އަޤާ ވިދާޅުވީ، ރާއްޖޭގެ އަދުގެ ސަރުކާރުން ގެންގުޅުއްވާ އިޤްތިޞާދީ އަދި ތަރައްޤީގެ ސިޔާސަތަށް ފަލަސްތީނުން ވަރަށް ބޮޑަށް ތާޢީދުކުރާކަމަށް. އޭނާ އިތުރަށް ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން، ސިޔާސީ ހުރިހާ ހުރަސްތައް ގިރާކުރެއްވުމަށްފަހު އަމާން ހިސާބަކަށް ޤައުމު ގެންގޮސްދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. ރާއްޖެއާ ދޭދޭ ޤައުމުތަކާ އޮތް ގުޅުންވެސް ރައީސް ޔާމީންގެ ސަރުކާރުގައި ފެންނަނީ ވަރަށް ބަދަހިކޮށްކަމަށާއި، ފަލަސްތީނާ ރާއްޖޭގެ ގުޅުންވެސް ވަރަށް ރަނގަޅުކަން އޭނާ ފާހަގަކުރެއްވިއެވެ. ފަލަސްތީނަށް ދިމާވާ ހުރިހާ ދަތި ވަގުތެއްގައިވެސް ރައީސް ޔާމީން އަބަދުވެސް ފަލަސްތީނަށް ސަޕޯޓްކުރައްވާކަން ފާހަގަކޮށް ސަފީރު ވަނީ ދިވެހި ރައްޔިތުންނަށާއި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މިހާރު ރާއްޖޭގެ މަސްރަހާބެހޭގޮތުން ވާހަކަ ދައްކަމުން ފަލަސްތީންގެ ސަފީރު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަޙު ފެންނަނީ ހަލަބޮލިކޮށްކަމަށާއި، ނަމަވެސް ރައީސް ޔާމީންގެ ސަރުކާރު ފެންނަނީ ވަރަށް ސާބިތުކަމާއެކު އޮތްތަންކަމަށެވެ.
ރާއްޖެއާއި ފަލަސްތީނާ ދެމެދު އޮތީ ބަދަހި ގުޅުމެއްކަމަށާއި ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް ސަފީރު ވިދާޅުވިއެވެ. ފަލަސްތީނާއި ދިވެހިރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 1988 ގައެވެ.