އަށާރަ ސަތޭކަ އަށްޑިހަ ހަތްވަނަ، އަހަރުގެ ޑިސެމްބަރ މަހު، އައްސުލްޠާން މުޙަންމަދު މުޢީނުއްދީން (ދެވަނަ) އާއި ސިލޯނުގައި ހުންނެވި، އިނގިރޭސި ގަވަރުނަރު ސަރ އޭއެޗްގޯޑްންއާއި ދެމެދު، ކުރެވުނު މުޢާހަދާއެއްގެ ދަށުން، ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެދަށަށް ދިޔައެވެ.
އެމުޢާހަދާގައި ވާގޮތުން ރާއްޖެއަކީ، ޚާރިޖީ ހުރިހާ ކަމެއް އިނގިރޭސި ދައުލަތް މެދުވެރިވެގެން ހިނގަންޖެހޭ، އިނގިރޭސިންގެ ހިމާޔަތް ލިބިގެންވާ ޤައުމެކެވެ. އަދި ރާއްޖޭގެ ރަސްގެފާނަކީ އިނގިރޭސި ދައުލަތުގެ ރުހުން ލިބިފައިވާ މީހަކަށްވުމުގެ އިތުރަށް، އިނގިރޭސި ދައުލަތަށް ކޮންމެ އަހަރަކު ރާއްޖެއިން ޖިޒީ ފޮނުވަންޖެހޭނެ ކަމަށްވެސް އެ މުޢާހަދާގައި ބުނެފައިވެއެވެ.
އެމުއާހަދާގެ ކުރީކޮޅު ދެފަރާތުންވެސް އެއާ އެއްގޮތަށް ޢަމަލުކުރަމުން ދިޔަނަމަވެސް އިނގިރޭސީން ދިޔައީ މަޑުމަޑުން މުއާހަދާއާއި ޚީލާފުވެ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށްވެސް ވަންނަމުންނެވެ. މިގޮތުން 1903 ވަނައަހަރު އައްސުލްޠާން މުޙަންމަދު ޢިމާދުއްދީން (ހަވަނަ) ރަސްކަމުން އަޒުލްކޮށް އައްސުލްޠާން މުޙަންމަދު ޝަމްސުއްދީން(ތިންވަނަ) ރަސްކަމަށް އިސްކުރި ޙާދިސާގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރެއަށްވަދެ އިނގިރޭސީން ފިޔަވަޅުތައް، އަޅާފައިހުރިކަން ތާރީޚުން އެނގެއެވެ.
އެއަށްފަހުވެސް ދެޤައުމުގެ ދެމެދުގައި ވެފައިވާ މުޢާހަދާއިން ބޭރުން އިނގިރޭސީން ދިޔައީ ކަންތައްތައް ކުރަމުންނެވެ. އެގޮތުން 1956 ވަނަ އަހަރު ދިވެހި ސަރުކާރުގެ ހުއްދައެއްގެ ދަށުން ވަރަށް ކުޑަކުޑަ ރަމްޒީ ފީއަކަށް ސަތޭކަ އަހަރު ދުވަހުގެ މުއްދަތަށް އައްޑުއަތޮޅު ގަމާއި ހިތަދޫން 110 އޭކަރު ބިން އިނގިރޭސީން ކުއްޔަށް ހިފިއެވެ.
img:http://s3.psmnews.mv/images/660x400/14604326124390.jpg|ކުރީގެ ރައީސް އިބްރާހިމް ނާސިރު، މިނިވަންކަން ހޯއްދަވައިދެއްވުމަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވި / ފޮޓޯ: މޯލްޑިވްސް ހިސްޓްރީ
އެދުވަސްވަރު، ދެޤައުމުގެ ދެމެދުގައި ކުރެވިފައިވާ މުޢާހަދާ އަލުން އައު ކުރުމާބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އެކަމުގައި ދިވެހި ސަރުކާރުން ބުނަމުން ދިއައީ، އަލަށް ކުރެވޭ އެގްރީމެންޓުގައި ދިވެހިރާއްޖޭގެ ސިޔާސީ ޙައިޘިއްޔަތު ކަނޑައެޅިގެން ބަޔާންވެ އެނގެން އޮންނަންޖެހޭނެ ކަމަށެވެ. އަދި ރާއްޖެއަކީ އަމިއްލަވެރިކަމެއްގެ ބާރު ލިބިގެންވާ މިނިވަން ޤައުމެއް ކަމުގައި އިނގިރޭސި ސަރުކާރުން ޤަބޫލު ކުރުމަށް ރާއްޖެއިން ހުށައެޅިއެވެ. އެހެންނަމަވެސް އެކަން ޤަބޫލުކުރުމަށް އިނގިރޭސިން ފުރަތަމަ ދެކޮޅު ހެދިއެވެ. ގިނަދުވަސްތަކެއްގެ މަޝްވަރާތަކަށް ފަހު 1960 ވަނަ އަހަރު ދިވެހިސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ދެވަނަ މުއާހަދާއެއްގައި ސޮއި ކުރެވުނެވެ. އެމުއާހަދާގައި ދިވެހިރާއްޖެއަކީ މިނިވަން އަމިއްލަ ވެރިކަމެއް ކުރާ ޤައުމެއް ކަމުގައި އިނގިރޭސީން އެއްބަސްވެފައިވެއެވެ. އެހެން ނަމަވެސް އިނގިރޭސީން މެދުވެރިވެގެން ނޫނީ ބޭރު ޤައުމަކާ ސިޔާސީ ގުޅުމެއް އުފެއްދުމަކަށް އެ މުއާހަދާއިންވެސް ތަނެއް ނުދެއެވެ.
މީގެ އިތުރަށް އެދުވަސްވަރު ހިނގައިދިޔަ މަޝްހޫރު ހުވަދޫ އައްޑޫ ގަޑުބަޑާ ގުޅިގެން ހުވަދުއަތޮޅުން ދެކުނުގައި ވަކި ސަރުކާރެއް އުފައްދައިގެން އުޅުނު މީހުންނާއި އިނގިރޭސީންނާއި ދެމެދު އޮތް ގުޅުންތައްވެސް ވެގެންދިޔައީ އިނގިރޭސީންގެ ކިބައިން މިނިވަންކަން ހޯދުމުގެ ވަރުގަދަ ރޫޙެއް އުފެދެން މެދުވެރިވި ސަބަބަކަށެވެ.
img:http://s4.psmnews.mv/images/660x400/14695132307668.jpg|ރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން -
ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދުމަށް ދިވެހި ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއިދެމެދު ކުރެވުނު އާ މުއާހަދާގެ ދަށުން ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއް ކަމުގައި އިނގިރޭސި ސަރުކާރު ޤަބޫލު ކުރިއެވެ. އަދިސިޔާސީ ގޮތުންނާއި، އެހެނިހެން ވެސް ގޮތްގޮތުން ބައިނަލް އަޤްވާމީ، ސީދާ ގުޅުން ހިންގުމުގެ ޙައްޤު ރާއްޖެއަށް ލިބުނެވެ.
އެ ތާރީޚީ އެގްރީމެންޓްގައި ސޮއިކުރެވުނީ، 1965 ވަނަ އަހަރުގެ ޖުލައިމަހުގެ ސައްބީސްވީ ދުވަހު ހެނދުނު ރާއްޖޭ ގަޑިން ހެނދުނު ދިހައެއް ޖެހިއިރު، ސިލޯނުގެ، ކޮޅުނބުގައި ހުންނަ އިނގިރޭސިދައުލަތު ހައިކޮމިޝަންގައެވެ. ރާއްޖޭގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރުއެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރއެވެ.
ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާ ގުޅިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަސް ފާހަގަ ކުރަމުން ދަނީ ރާއްޖޭ މިނިވަންދުވަހުގެ ގޮތުގައެވެ.