ޕާކިސްތާނަކީ ރާއްޖެއަށް އެންމެ މުހިންމު ދާއިރާތަކުން އެހީތެރިވެދޭ ޒަމާންވީ ބަދަހި ގުޅުމެއް އޮތް ޤައުމެއްކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޕާކިސްތާނަށް ތަޢުރީފްކުރައްވައިފިއެވެ.
މިހާރު ރާއްޖެ ވަޑައިގެންއުޅުއްވާ ޕާކިސްތާންގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވާ ދެއްވި ދެޤައުމުގެ ގުޅިފައިވާ ބަޔާނުގައި ރައީސް ޔާމީން ވިދާޅުވީ، ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށެވެ. އެގޮތުން ޕާކިސްތާންގެ އިންވެސްޓަރުންގެ ޝައުޤުވެރިކަން ރާއްޖެއަށް އިތުރުކުރުމަށް މަސައްކަތްކުރުން ފާހަގަކުރެއްވިއެވެ.
އަދި ވިޔަފާރިއާއި އިޤްތިޞާދާއި އިންވެސްޓްމަންޓްތައް ފުޅާކުރުމަށްޓަކައި މޯލްޑިވްސް-ޕާކިސްތާން ޖޮއިންޓް ބިޒްނަސް ކައުންސިލެއް އުފެއްދުމަށް އެއްބަސްވެ ވަޑައިގެންނެވިކަން ފާހަގަކުރައްވާ، ދެޤައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން މިހާރަށްވުރެ ގިނަ ދާއިރާތަކުން ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަށް ވިދާޅުވިއެވެ. ޚާއްޞަގޮތެއްގައި، ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމާއި، ބައިނަލްއަޤްވާމީ މަސްރަހުގައި ދެގައުމުން މިހާރަށް ވުރެ ގާތުން މަސައްކަތް ކުރެއްވުމަށް މަޝްވަރާކުރެވުނުކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ ރާއްޖޭގެ ތަރައްޤީއަށް ޕާކިސްތާނުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޕާކިސްތާންގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފް ދެއްކެވި ވާހަކަފުޅުގައި، ސާކް ސަމިޓް ޕާކިސްތަންގައި ބޭއްވުމަށް ރާއްޖެއިން ތާޢީދުކުރެއްވީތީ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. ޕާކިސްތާންގެ ބޮޑުވަޒީރު ވަނީ ރައީސް ޔާމީންގެ ޒަޢާމަތުގައި ރާއްޖެއާއި ޕާކިސްތާންގެ ގުޅުން ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ.
ދެބޭފުޅުންގެ ބައްދަލުވުމުގައި ރާއްޖެއާއި ޕާކިސްތާންގެ ގުޅުމުގެ އިތުރަށް ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މަސްރަހުގެ މައްސަލަތަކާއމެދުވެސް ވަނީ މަޝްވަރާކުރައްވަފައެވެ. އަދި އދ.ގައި ދެޤައުމު މިހާރަށްވުރެ ގާތުން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިއެވެ.