ޚަބަރު

ޢަބްދުﷲ ރިޔާޒްގެ މައްޗަށް އުފުލި ދައުވާ ސާބިތެއްނުވި


ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓިގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް އުފުލާފައިވާ ޤާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ހުކުމްކުރައްވާފައިވަނީ މި މައްސަލަ ބެއްލެވި ތިން ގާޒީންގެ އިއްތިފާޤުންނެވެ. އެ ހުކުމްގައި ބުނެފައިވަނީ މި މައްސަލާގައު ދައުލަތުން ރިޔާޒާއި ދެކޮޅަށް ހެކިމްގެ ގޮތުގައި ހުށައެޅި ފުލުހުންގެ ހެކި ބަހުގައި ގިނަ ފުށު އެރުންތަކެއް ހުރިކަމަށެވެ. އަދި ރިޔާޒާއި ދެކޮޅަށް ހުށައަޅާފައިވަނީ ޤާނޫނާއި ހިލާފަށް ހޯދާފައިވާ ހެކިތަކެއްކަމަށްވެސް އެ ހުކުމުގައިވެއެވެ.

މީގެއިތުރުން މިދިޔަ މާރޗް މަހުގެ ހަތާވީސް ވަނަ ދުވަހުގެ ރޭ ރިޔާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ޤާނޫނުގެ ތޭރަ ވަނަ މާއްދާއާއި ޚިލާފަށްކަމަށްވެސް އެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ. އަދި ރިޔާޒް މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާގެ ފޯނު ހިފެއްޓީ ތުހުމަތު ކުރެވޭ މައްސަލާގައި އެއްވެސް ހެއްކެއް ނެތި ކަމަށާއި، އެއްވެސް ހެއްކެއްނެތި އޭނާގެ މޯބައިލް ފޯން ނުހިފެއްޓޭނެކަން ޖިނާޢީ އިޖުރާތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށްވެސް ކުރިމިނަލް ކޯޓުގެ ޙުކުމުގައިވެއެވެ.

ދައުލަތުން އަބްދުﷲ  ރިޔާޒާއި ދެކޮޅަށް ދައުވާކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެއެވެ.