ޚަބަރު

އިންސިނެރޭޓަރ ބެހެއްޓުމަށް ލަންކާގެ ކުންފުންޏަކާއި ހަވާލުކޮށްފި


ތިލަފުށީގައި ކުނި ނައްތާލާ ނިޒާމު ހަރުދަނާކޮށް، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް، އިންސިނެރޭޓަރ ބެހެއްޓުމަށް ލަންކާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ތިރީސް ހަތް މިލިއަން ދިވެހި ރުފިޔާގެ މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ލަންކާގެ އެސް.އޭ.ޑަބްލިއު އިންޖިނިއަރިން ޕްރަވެޓް ލިމިޓެޑާއެވެ.

ރާއްޖޭގެ ރަށްތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ތަރައްގީ ކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ގެންދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. ކުނި ނައްތާލުމުގައި އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވަނީ ގްރޭޓަރ މާލޭ ސަރަހައްދުގައި ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. 

ކުނި ނަތްތާލުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން ރައްކާތެރި ގޮތުގައި ކުނި ނަތްތާލުމަށް އިންސިނެރޭޓަރެއް ތިލަފުށީގައި ބެހެއްޓުމަށް ނިންމާ އެ މަސައްކަތް މިވަނީ ލަންކާގެ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވީ މި ޕްރޮޖެކްޓަކީ ގްރޭޓަރ މާލޭ ރީޖަންއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ބޮޑު ޕްރޮޖެކްޓެއް ނަމަވެސް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް އަމާޒުކޮށްގެން ކުނި ނައްތާލުމުގެ ހާއްސަ ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

ތިލަފުށީގައި ބަހައްޓާ އިންސިނަރޭޓަރ ބެހެއްޓުމަށް ލަންކާގެ ކުންފުންނާއި އެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ތާރިގް ވިދާޅުވީ މިއީ 37 މިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި މަސައްކަތް ފަސް މަސްދުވަހު ތެރޭގައި ނިންމާ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.

ތިލަފުށީގައި އިންސިނަރޭޝަން ސިސްޓަމް ބެހެއްޓުމަށް ބަޔަކާއި ހަވާލުކޮށްފައިވާއިރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މިކަމަށް ޚާއްސަ ބިމެއް ހޯދުމުގެ މައްސަލަ ކަމަށް މިނިސްޓާރ ތާރިޤް ވިދާޅުވިއެވެ. ނަމަވެސް އިންސިނަރޭޓަރ ސިސްޓަމް މާލެ ގެނައުމުގެ ކުރިން މިކަމަށް ހާއްސަ ކޮށްގެން ތިލަފުށިން ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ބަޔާކާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މާލޭ ސަރަހައްދު ނުވަތަ ޒޯން ތިނަކީ ރާއްޖޭގެ އެންމެ ބޮޑު ސަރަހައްދެވެ. މި ސަރަހައްދުގައި އުފެދޭ ކުނި ނައްތާލުމަށް ތިލަފުށީގައި ހިންގާ މި މަޝްރޫއަކީ ގްރޭޓަރ މާލެ ތަރައްގީކުރުމުގެ މުހިންމު ފޭސްއެއްކަމަށް މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން އެއް ފަހަރާ ވިހި ޓަނު ކުނި އަންދާ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިންސިނަރޭޝަން ސިސްޓަމަކީ ގަދަ ހޫނުގައި ކުނިއަންދާ، އުކާލެވޭ ކުނީގެ މިންވަރު މަދުކުރުމަށް ބޭނުންކުރާ ސިސްޓަމެކެވެ. އަދި ކުނި އެންދުމުގެ ސަބަބުން އުފެދޭ ހޫނުން ހަކަތަ އުފެއްދޭ ގޮތަށް ތައްޔާރުކޮށްފައިވާ ސިސްޓަމެކެވެ.