ޚަބަރު

ދީނާ ދެކޮޅު ވާހަކަތައް ހުއްޓުވަންޖެހޭ - ޢަބްދުއްރަހީމް


ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި އެހެންބައެއް ޤާނޫނުތަކަށް ބަދަލު ގެނެސްގެން ނަމަވެސް، ދިވެހި ރައްޔިތަކަށްވެހުރެ އިސްލާމްދީނާ ދެކޮޅަށް ތަފާތު އެކިވާހަތައް ދައްކާދެއްކުން ހުއްޓުވަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

މިރޭ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނަގާލައި ދިވެހި ޤައުމުގައި ފާޙިޝު ކަންކަން ފެތުރުމަށް ވަކިބަޔަކު ތަކުރާރުކޮށް މަސައްކަތްކުރަމުންދާކަމީ ފެންނަން އޮތް ހަޤީގަތެއްކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ސަރުކާރަށް ނިސްބަތްވާ ބައެއް މީހުން އިސްވެ ތިބެގެން މިފަދަ ޢަމަލުތަކަށް ހިތްވަރުދޭ ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށާ، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ޙަރަކާތްތެރިވާ އެމްޑީޕީ ފަދަ ޕާޓީއަކަށް ނިސްބަތްވާ ބަޔަކު މިފަދަ ކަންކަމަށް ހިތްވަރުދޭދިނުމަކީ ދިވެހި ރައްޔިތުން ވިސްނާލަންޖެހޭ ކަމެއްކަމަށެވެ. 

އެއް ޖިންސުން ކައިވެނިކުރުން ހުއްދަކޮށް ޔޫރަޕްގެ ޤައުމަކުން ނިންމި ނިންމުމަށް ތާޢީދުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ.މުހައްމަދު ޝަހީދު ކުރައްވާފައިވާ ޓުވީޓުތަކަށް އިޝާރާތް ކުރައްވައި އަބްދުއްރަޙީމް ވަނީ ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.އެއްޖިންސުން ކައިވެނި ކުރުމަށް ޑރ.ޝަހީދު ތާޢީދު ކޮށްފައި ވަނީ ޖަރުމަންވިލާތުގައި އެއްޖިންސުން ކައިވެނި ކުރުން ހުއްދަ ކުރުމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ޚަބަރެއް ރީޓްވީޓް ކުރައްވަމުންނެވެ.