ފާއިތުވި ރަމަޟާންމަހު ކޮށްފައިވާ ކުށުގެ ނިސްބަތް ކުރީ އަހަރުގެ ރަމަޟާންމަހަށްވުރެ ދަށަށް ހިނގައްޖެއެވެ. މިއީ ކުށް މަދުކުރުމަށް ފުލުހުން ކުރިއަށްގެންފާ ޕްރޮގްރާމްތަކުގެ ނަތީޖާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހަކީ އެހެނިހެން މަސްތަކާ އަޅާބަލާއިރު ކުށްކުރާ ނިސްބަތް އިތުރު މަހެކެވެ. ޚާއްޞަ ގޮތެއްގައި ވައްކަމުގެ މައްސަލަތައް އިތުރުވެއެވެ. ނަމަވެސް ފާއިތުވި 2016 ވަނަ އަހަރުގެ ރަމަޟާންމަހާ އަޅާބަލާއިރު ނިމިގެންދިޔަ ރަމަޟާންމަހު ވަނީ ކުށުގެ ނިސްބަތް ދަށަށްގޮސްފައެވެ.
އެގޮތުން ވައްކަމުގެ މައްސަލަތަކަށް ބަލާއިރު 2016 ވަނަ އަހަރު 271 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވެއެވެ. ނަމަވެސް މިއަހަރުގެ ރަމަޟާންމަހު ހުށައެޅުނު ވައްކަމުގެ މައްސަލަތަކުގެ ޢަދަދަކީ 220އެވެ. މިއީ ކުރީ އަހަރުގެ ރަމަޟާންމަހާ އަޅާބަލާއިރު 51 މައްސަލައިގެ ދަށްވުމެކެވެ.
ރަމަޟާންމަހުގެ ޓްރެފިކް އެކްސިޑެންޓްގެ ނިސްބަތަށް ބަލާއިރުވެސް ވަނީ ކުރީ އަހަރުގެ ރަމަޟާންމަހާ އަޅާބަލާއިރު ދަށަށް ގޮސްފައެވެ. 2016 ވަނަ އަހަރު ޓްރެފިކްގެ އެކްސިޑެންޓްގެ 180 މައްސަލައެއް ފުލުހުން ރިކޯޑްކޮށްފައިވާއިރު މި ރަމަޞާންމަހު އެ ޢަދަދު އުޅެނީ 177 ގައެވެ. މިއީ ކުރީ އަހަރުގެ ރަމަޟާން މަހާ އަޅާ ބަލާއިރު 3 މައްސަލައިގެ ދަށްވުމެކެވެ. ނަމަވެސް މާރާމާރިއާއި، ފޭރުމުގެ މައްސަލަތައް މި ރަމަޟަންމަހު ވަނީ އިތުރުވެފައެވެ. އެގޮތުން 2016 ވަނަ އަހަރުގެ ރަމަޟާންމަހު މާރާމާރީގެ މައްސލަތަކުގެ ނިސްބަތަކީ 63 އެވެ.
މިރަމަޟާންމަހު މާރާމާރިގެ ނިސްބަތަކީ 69އެވެ. މިއީ 6 މައްސަލައިގެ އިތުރު ޢަދަދެކެވެ. 2016 ވަނަ އަހަރު 271 މައްސަލައެއް ފުލުހުންނަށް ހުށައަޅަފައިވާއިރު، މި ރަމަޟާންމަހު ފޭރުމުގެ ކުށުގެ ނިސްބަތަކީ 50 އެވެ. މިއީ ކުރީ އަހަރުގެ ރަމަޟާން މަހާ އަޅަބަލާއިރު އެކާވީސް މައްސަލައިގެ ދަށްވުމެކެވެ.
މުޅި ރަމަޟާން މަހު ފުލުހުންނަށް ހުށައެޅުނު މައްސަލަތަކުގެ ނިސްބަތަށް ބަލާނަމަ 2016 ވަނަ އަހަރުގެ ރަމަޟާންމަހު ފުލުހުންނަށް ހުށައަޅަފައިވާ ކުށުގެ ނިސްބަތަކީ 1313 އެވެ. ނަމަވެސް މި ރަމަޟާންމަހު ހުށައަޅަފައިވަނީ 1223 މައްސަލައެވެ. މިއީ 90 މައްސަލައިގެ ދަށްވުމެކެވެ. ވައްކަމާއި، މާރާމާރިއާއި ފޭރުމާއި ޓްރެފިކް އެކްސިޑެންޓްތައް އަދި އެނޫންވެސް ކުށްތައް މަދުކުރުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.