ޚަބަރު

އިންސާނީ ވަގުފާރި ހުއްޓުވުމުގައި ރާއްޖެއަށް ކުރިއެރުންތަކެއް


އިންސާނީ ވަގުފާރި ހުއްޓުވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އިންސާނީ ވަގުފާރި ބަލާ މިންގަނޑު ޓަޔަރ 2 އަކަށް އެރުމަކީ ރާއްޖެއިން އެކަމާ ދެކޮޅަށް ކުރާ މަސައްކަތް އަންގައިދޭ ކަމެއްކަމަށް ފޮރިންގ މިނިސްޓަރ ޑރ.މުޙައްމަދު ޢާސިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، އިންސާނީ ވަގުފާރީގެ ހާލަތު ދިރާސާކޮށް އެމެރިކާއިން ނެރެފައިވާ ރިޕޯޓާއި ގުޅޭ ގޮތުން ފޮރިންގ މިނިސްޓްރީން ޢާންމުކޮށްފައިވާ ބަޔާނެއްގައެވެ. ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި އިންސާނީ ވަގުފާރީގެ ހާލަތާ ގުޅޭގޮތުން އެމެރިކާއިން ނެރޭ ރިޕޯޓްގައި އިންސާނީ ވަގުފާރި ހުއްޓުވުމަށް ރާއްޖެއިން ކުރާ މަސައްކަތް އިތުރުވަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ. ފޮރިންގ މިނިސްޓަރގެ ވާހަކަފުޅުގައި އިންސާނީ ވަގުފާރި ކުރާ ފަރާތްތަކަށް އެންމެ ފުރަތަމަ އަދަބުދޭން ފަށާފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައިކަމަށް ވިދާޅުވެފައިވެއެވެ.

 ސަރުކާރުން  އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް ދެނެގަތުމަށް މަސައްކަތަކެއް ކުރާކަމަށާއި، މިދާއިރާއިން ކުރިއަށްވުރެ ރަނގަޅު ތަޙްޤީޤްތަކެއް ކުރިއަށް ގެންގޮސް ވަޒީފާއާ ބެހޭ ޤާނޫނުން ލިބިދޭ ހައްޤުތައް ބިދޭސީންނަށްވެސް ހޯދައިދޭން މަސައްކަތްތަކެއް ކޮށްފައިވާކަމަށް އެމެރިކާގެ ރިޕޯޓްގައިވެއެވެ. އެގޮތުން ބިދޭސީންގެ މުސާރައާއި އިނާޔަތްތައް ބޭންކު އެކައުންޓަށް ޖަމާކޮށްދިނުން ފާހަގަކޮށްފައިވެއެވެ.

އިންސާނީ ވަގުފާރީގެ ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް އެގާރަ މައްސަލައެއް ހުށައަޅާފައިވެއެވެ. އޭގެ ތެރެއިން ދިހަ މައްސަލައަކީ، ބިދޭސީ މަސައްކަތްތެރިންގެ ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެވެ. އޭގެ ތެރެއިން މިހާތަނަށް ސަރުކާރުން ވަނީ ހަތަރު މައްސަލައެއްގައި ފިޔަވަޅުއަޅާފައެވެ. އިންސާނީ ވަގުފާރި ހުއްޓުވުމަށް ޜާއްޖޭގެ ކަމާ ގުޅުން އިދާރާތަކުން ގުޅިގެން ގިނަމަސައްކަތްތަކެއް ކުރަމުން އަންނަކަން ފޮރިންގ މިނިސްޓްރީން ފާހަގަކުރެއެވެ.