ކުޅިވަރު

ކޮންފެޑެރޭޝަން ކަޕް ސެމީފައިނަލަށް ޕޯޗްގަލްއާ މެކްސިކޯ


ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ފީފާ ކޮންފެޑެރޭޝަން ކަޕް ސެމީފައިނަލުން ޔޫރަޕްގެ ޗެމްޕިއަން ޕޯޗްގަލް ޖާގަ ހޯދައިފިއެވެ. ގްރޫޕްގެ ފަހު މެޗުގައި ރޭ ނިއުޒީލެންޑާ ވާދަކޮށް ޕޯޗްގަލް ކުރި ހޯދީ ހަތަރު ލަނޑު ސުންލަނޑުންނެވެ. 

މެޗުގައި ޕޯޗްގަލްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.  ޕޯޗްގަލްގެ އަނެއް ތިންލަނޑު ކާމިޔާބުކޮށްދިނީ ބާނާޑޯ ސިލްވާ، އަންދްރޭ ސިލްވާ އަދި ނާނިއެވެ. ޕޯޗްގަލް އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލުން ޕޯޗްގަލް ޖާގަ ހޯދީ 7 ޕޮއިންޓާއެކުއެވެ. މިއަދަދަށް މެކްސިކޯއަށްވެސް ޕޮއިންޓް ލިބިފައިވާއިރު ޕޯޗްގަލްއަށް ކުރި ލިބެނީ ގޯލް ތަފާތުންނެވެ. 

ސެމީފައިނަލް މެޗުގައި ޕޯޗްގަލްގެ ޑިފެނޑަރ ޕެޕޭއަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެއެވެ. މީގެ އިތުރުން ރޭގެ މެޗުގައި ޕޯޗްގަލްގެ ދެވަނަ ލަނޑު ކާމިޔާބުކުރި ބާނާޑޯ ސިލްވަރވެސް އަނިޔާގެ ސަބަބުން ސެމީފައިނަލް މެޗުގައި ފެނުމުގެ ފުރުސަތު ކުޑައެވެ. މިގްރޫޕުން ނިއުޒީލެންޑް މުބާރާތާ އަލްވަދާޢުކީ ޕޮއިންޓެއްވެސް ނުލިބިއެވެ.

މެކްސިކޯ ސެމީއިން ޖާގަ ހޯދީ މުބާރާތް ބާއްވާ ޤައުމު ރަޝިއާ ކަޓުވާލުމަށްފަހުއެވެ. އަންނަ އަހަރުގެ ވަރލްޑްކަޕް ބާއްވަން ތައްޔާރުވަމުން އަންނަ ރަޝިއާގެ މައްޗަށް މެކްސިކޯ ކުރިހޯދީ ދެލަނޑު އެއްލަނޑުންނެވެ. 

ސަމަދޯފްގެ ގޯލުން ރަޝިއާ މެޗުގައި ލީޑު ކުރަމުން ދަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން މެކްސިކޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ ނެސްތޯ އަރޫހޯއެވެ. ދެވަނަ ހާފްގައި މެޗުން މޮޅުވި ލަނޑު މެކްސިކޯއަށް ކާމިޔާބުކޮށްދިނީ ލޮޒާނޯ. މިމެޗުގެ ދެވަނަ ހާފްގައި ރަޝިއާގެ ޔޫރީ ޒިރްކޯފްއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. 

ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި މެކްސިކޯ ސެމީފައިނަލުން ޖާގަ ހޯދިއިރު ރަޝިއާ މުބާރާތުން ކެޓީ ތިން ޕޮއިންޓާއެކުއެވެ. އެޓީމް މޮޅުވީ ނިއުޒީލެންޑާ ވާދަކުރިމެޗުން އެކަންޏެވެ.