ރޮނާލްޑޯގެ ގޯލުން މޮޅުވެ ޕޯޗްގަލް ސެމީފައިނަލްގެ އުއްމީދު އާކޮށްފިއެވެ. ފީފާ ކޮންފެޑެރޭޝަން ކަޕްގައި ރޭ ޔޫރަޕްގެ ޗެމްޕިއަން ޕޯޗްގަލްއާ މުބާރާތް ބާއްވާ ޤައުމު ރަޝިއާ ވާދަކުރި މެޗް ޕޯޗްގަލް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.
މެޗުގެ ހަމައެކަނި ލަނޑު ނުވަވަނަ މިނެޓްގައި ޕޯޗްގަލްއަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ޕޯޗްގަލްއިން މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިއިރު ރަޝިޔާގެ ކީޕަރ އަކިންފީވް ވަނީ މިހަމަލާތަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. ރޭގެ މެޗަކީ ރަޝިޔާގެ ކީޕަރ އަކިންފީވް ޤައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ.
މި ގްރޫޕްގައި ޕޯޗްގަލް ކުޅުނު ފުރަތަމަ މެޗުން އެޓީމް ވަނީ އެއްވަރުވެފައެވެ. ރަޝިޔާ ގްރޫޕްގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވާއިރު ސެމީފައިނަލްގެ ފުރުސަތު ނިއުޒީލެންޑް ފިޔަވާ މިގްރޫޕްގެ ތިން ޓީމަށްވެސް ވަނީ ހުޅުވިފައެވެ.
ރޭ ނިއުޒީލެންޑާ މެކްސިކޯ ވާދަކުރި މެޗު މެކްސިކޯ ކާމިޔާބުކޮށް ސެމީގެ ފުރުސަތު ވަނީ ބޮޑުކޮށްފައެވެ. މެޗުން ބަލިވުމުން ނިއުޒީލެންޑަށްވަނީ މުބާރާތުގައި އިތުރަށް ކުރިއަށްދިއުމުގެ ފުރުސަތު ގެއްލިފައެވެ.