ޚަބަރު

ހުޅުމާލޭގައި ސީސީޓީވީ ޚިދްމަތް ދިނުން ފުލުހުންނާއި ޙަވާލުކޮށްފި


ހުޅުމާލޭގައި ސީސީޓީވީ ޚިދްމަތް ދިނުމަށްޓަކައި ބޭނުން ކުރާ ކެމެރާތައް އިންސްޓޯލްކޮށް، އެ ބެލެހެއްޓުމުގެ ޒިންމާ ފުލުހުންނާއި ޙަވާލުކުރުމަށް، ފުލުހުންގެ އިދާރާއާއި އެޗްޑީސީން އެއްބަސްވެއްޖެއެވެ.

މިއަދު ހެނދުނު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ކޮންފަރެންސް ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފެވެ. އަދި ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަންސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަނެވެ. img:http://s4.psmnews.mv/images/660x400/14975293907190.jpg|ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް - ފޮޓޯ: ޕޮލިސް

މި އެއްބަސްވުމުގެ ތަފްޞީލް ޕީއެސްއެމް ނިއުސްއާއި ޙިއްސާ ކުރައްވަމުން ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަނުގެ މެނޭޖިންގް ޑައިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ޤާއިމްކުރާ ޑޭޓާ ސެންޓަރު ބެލެހެއްޓުމާއި، ސީސީޓީވީ ކެމެރާތައް ހަރުކުރުމާއެކު، ސޮފްޓްވެއަރ ބެލެހެއްޓުމާއި އެތަކެތީގެ މެއިންޓަނަންސް ކަންކަން ފުލުހުންގެ އިދާރާއިން ބަލަހައްޓާނޭ ކަމަށެވެ. އަދި އެޗްޑީސީގެ ބޭނުންތަކަށް ކެމެރާތަކުގެ ވީޑިއޯ ފުޓޭޖް އެޗްޑީސީގެ ކަންކަމަށް ބޭނުން ކުރެވޭނޭ ކަމަށް ވިދާޅުވިއެވެ. އެޗްޑީސީ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ގަނެފައިވާ 25 ކެމެރާ ފުލުހުންނާއި ޙަވާލުކޮށްފައިވާއިރު، މި ހަރުކުރާނޭ 25 ސަރަޙައްދެއް ކަނޑައަޅާފައިވަނީ އެޗްޑީސީންނެވެ. img:http://s4.psmnews.mv/images/660x400/14975294986936.jpg|ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން - ފޮޓޯ: ޕޮލިސް

ސައިމަން ވިދާޅުވީ، 25 ޞަރަޙައްދު ކަނޑައަޅާފައިވަނީ، ޢާއްމުން އެއްވެ އުޅޭ ތަންތަނާއި، އަދި ސީސީޓީވީ ކެމެރާ ބޭނުން އެންމެ ހިފޭނޭ ނުވަތަ ސަލާމަތީގޮތުން ބަލާނަމަ އެންމެ އެކަށީގެންވާ ޞަރަޙައްދުތަކެއް ބެލުމަށްފަހުގައި ކަމަށެވެ. ސައިމަން ވިދާޅުވީ ސީސީޓީވީ ކެމެރާތަކުގެ ބޭނުން ހިފަން ފެށުމުން ހުޅުމާލޭގައި ވައްކަމާއި، ފޭރުން ފަދަ ކަންކަމާއި އަދި ޓްރެފިކް ޤާވާއިދާއި ޚިލާފް މައްސަލަތައް ބަލާ ޙައްލު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނޭ ކަމަށެވެ.

އަދި މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސައިމަން ފާހަގަކުރެއްވިއެވެ.