ދުނިޔެ

ތެހްރާނުގައި ޙަމަލާދިނީ އައި.އެސް ހަނގުރާމަވެރިން- އީރާން


އީރާނުގެ ވެރިރަށް ތެހްރާނުގައި ބުދަދުވަހު ދިން ޓެރަރިސްޓް ހަމަލާތައް ދީފައިވަނީ އައި.އެސް ހަނގުރާމަވެރި ޖަމާޢަތަށް ނިސްބަތްވާ އީރާނުގެ ރައްޔިތުން ކަމަށް އެގައުމުން ހާމަކޮށްފިއެވެ. 

އިއްޔެ އީރާނުގެ ޤާނޫނު ހަދާ މަޖިލީސް ހުންނަ އިމާރާތަށާ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ބާނީ ޢާޔަތުއްﷲ ޚާމައިނީގެ މަޤްބަރާއަށް އަމާޒުކޮށް ދިން ހަމަލާގައި 12 މީހުން މަރުވެ އެތަށް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މި ހާދިސާތަކުގައި ހަމަލާ ދިން ހުރިހާ މީހުން ވެސް މަރުވެފައިވާ އިރު ތެހްރާނުގައި ތިން ވަނަ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރި ބަޔަކު ހުއްޓުވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ޚަބަރު ލިބެއެވެ.

އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އެގައުމުގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ އިސްވެރިޔާގެ ނައީބު ރެޒާ ސައިފުއްލާޚީ ވިދާޅުވީ، މި ހަމަލާތައް ދިނުމުގައި ބައިވެރިވި މީހުންނަކީ އީރާނުގެ އެކި ހިސާބުތަކުން އައި.އެސް ހަނގުރާމަވެރި ޖަމާޢަތާ ގުޅިފައިވާ މީހުން ކަމަށެވެ. އައި.އެސް ޖަމާޢަތުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ. އަދި މިއީ އީރާނުގައި އެޖަމާޢަތުން ކުރިއަށް ގެންދިޔަ ފުރަަތަމަ ހަމަލާ ކަމަށާ ކުރިއަށް އޮތް ތަނުގައި އިތުރު ހަމަލާތައް ދިނުމަށް ތައްޔާރަށް އޮތް ކަމުގެ އިންޒާރު ވެސް އައި.އެސް ޖަމާޢަތުން ދީފައިވެއެވެ.

އަނެއްކޮޅުން، އީރާނުގެ އެތެރޭގެ ސަލާމަތީ ކަންކަމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ އީރާނުގެ ރެވެލޫޝަނަރީ ގާޑުން ބުނެފައިވަނީ ބުދަ ދުވަހުގެ ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ އެމެރިކާއާ ސައުދީ ޢަރަބިއްޔާއިން ކަމަށެވެ. އެފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއާ ސައުދީ ޢަރަބިއްޔާގެ އިސްވެރިން ބައްދަލުކުރެއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އީރާނުގައި މިފަދަ ހަމަލާއެއް ދިނުމަކީ އިއްތިފާޤަކަށް ނުވާނެ ކަމަށާ މި ހަމަލާގެ ބަދަލު ހިފާނެ ކަމަށެވެ. ސައުދީ އަރަބިއްޔާއާ އެމެރިކާއިން ވެސް ވަނީ މި ހަމަލާތައް ކުށްވެރިކޮށްފައެވެ.