މިމަހުން ފެށިގެން ޓީޗަރުންގެ އިތުރުގަޑީގެ ފައިސާދޭ މިންވަރު ދިހައެއް އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ޚާއްސަކޮށްގެން ޢިމާރާތްކޮށްފައިވާ އެދުރުހިޔާ ހުޅުއްވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ޚާއްސަކޮށްގެން ޢިމާރާތްކޮށްފައިވާ އެދުރުހިޔާ ހުޅުވައިދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވީ ޓީޗަރުންނަށްދޭ އިނާޔާތްތައް ކުޑަވުމުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ޝަޢުޤުވެރިވާ ފަރާތްތަށް ހޯދުމަށް ދަތިވެފައިވާކަމަށެވެ. އެހެންކަމުން މިމަހުން ފެށިގެން ޓީޗަރުންގެ އިތުރުގަޑީގެ ފައިސާދޭ މިންވަރު ފަސް ޕަސެންޓުން ދިހަ ޕަސެންޓް އަށް ބޮޑުކުރުމަށް ހަމަޖައްސާފައިވާކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން އެދުރުހިޔާގެ ފްލެޓްތަކަށް، ކުއްލިއްޔާ އާއި ޤުރުއާނާ ބެހޭ މަރުކަޒު އަދި ޕޮލިޓެކްނިކްގެ ޓީޗަރުންނަށް ކުރިމަތިނުލެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އެފަރާތްތަކަށްވެސް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސާފައިވާކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. ޑރ.ޖަމީލް ވިދާޅުވީ ޓީޗަރުންނަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާކަމަށާއި އެގޮތުން މިއަދު ހުޅުވިގެންދިޔަ ފްލެޓްގެ ސަބަބުން ޓީޗަރުންގެ ގެދޮރުވެރިކަމަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވީ މުދައްރިސުންގެ ވަޒީފާގެ އޮނިގަނޑު މުރާޖަޢާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މިއޮނިގަނޑު ވެގެންދާނީ ޒަމާނާ ފައިހަމަވާ އޮނިގަނޑަކަށްކަމަށެވެ. މީގެ އިތުރުން އާބާދީ މަދު ސްކޫލްތަކުގައި މަލްޓި-ގްރޭޑް ޓީޗިން އުސޫލުތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށް މަލްޓްގްރޭޑް ޓީޗިންގ އެލަވަންސް މިހާރު ތަޢާރަފްކުރެވިފައިވާކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން އެފަދަ ސްކޫލްތަކުގެ ކިޔެވުން ހަރުދަނާވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
މިއަދު ހުޅުވި މިފްލެޓަށް ކުރިމަތިލާ ފަރާތްތަކަށް އަންނަ މަހުގެ މެދުތެރޭގައި ފްލެޓް ހަވާލުކުރެވޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. ދިހަ ބުރިއަށް ޢިމާރާތްކޮށްފައިވާ އަށްޑިހަ ފްލެޓް ހިމެނޭ މިޢިމާރާތުން މިފްލެޓްތައް ދޫކުރަން ކަނޑައަޅާފައިވަނީ އެއްކޮޓަރީގެ ފްލެޓެއް ތިންހާސް ރުފިޔާ އަށް އަދި ދެ ކޮޓަރީގެ ފްލެޓެއް ފަސްހާސް ރުފިޔާއަށްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. ތަޢުލީމީ ފަންޑުންނާއި އިސްލާމިކް ބޭންކްގެ ލޯން އެހީގެ ދަށުން އިމާރާތްކޮށްފައިވާ މި އިމާރާތަށް 62 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.