ކުޅިވަރު

އަކުރަމް، އަހުމަދު ރަޝީދު އަދި އިރުފާން އަލުން ޤައުމީ ޓީމަށް


ގިނަ ދުވަސް ތަކަކަށްފަހު އަކްރަމް އަބްދުލް ޣަނީއަށް ޤައުމީ ޓީމުން ޖާގަ ލިބިއްޖެއެވެ. 

އަކްރަމްގެ އިތުރުން މާޒިޔާގެ މުޙައްމަދު އިރުފާންއާއި، ގްރީން ސްޓްރީޓްގެ އަހުމަދު ރަޝީދުއަށްވެސް ވަނީ އަލުން ސްކޮޑުން ޖާގަ ދީފައެވެ. މީގެކުރިންވެސް ޤައުމީ ސްކޮޑުން ޖާގަ ހޯދާފައިވާ މި ތިން ކުޅުންތެރިންވެސް އަންނަނީ މިސީޒަންގައި މޮޅަށް ކުޅެމުންނެވެ. މީގެތެރެއިން އަކްރަމްއަކީ ކުރިން ޤައުމީ ޓީމްގެ މުޙިއްމު ކުޅުންތެރިއެކެވެ. މިސީޒަންގައި ނިއުއަށް ބަދަލުވެ އެޓީމްގެ މެދުތެރޭގައި އަކްރަމް އަންނަނީ މުޙިއްމު ދައުރެއް އަދާކުރަމުންނެވެ. އޭނާއަށް އަލުން ޓީމުން ޖާގަ މިލިބުނީ ގާތް ގަނޑަކަށް ދެ އަހަރު ފަހުންނެވެ. އަކްރަމް އެންމެ ފަހުން ޤައުމީ ޓީމަށް ކުޅުނީ ވަރލްޑްކަޕް ކޮލިފައިންގައި 2015 ވަނަ އަހަރު ޤަޠަރާ ދެކޮޅަށެވެ. 

އިރުފާނަށް މާޒިޔާގެ ކޯޗު މިސީޒަންގައި ފުރުޞަތު ދޭން ފެށި ފަހުން އޭނާ ވަނީ ކްލަބްގެ ޖާގަ ކަށަވަރުކޮށްފައެވެ. ކުރިން ޓީމުން ޖާގަ ހޯދި އިރުފާނަށްވެސް ޖާގަ ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. ގްރީން ސްޓްރީޓް ނެރެމުންދާ ނަތީޖާތަކުގައި އަހުމަދު ރަޝީދުގެ ދައުރު ބޮޑެވެ. އެންމެ ފަހުން ލީގުގައި ނިއުރޭޑިއަންޓް ބަލިކުރި މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހާފައެވެ. މީގެއިތުރުން ސްކޮޑްގުން ޒުވާން ކީޕަރުންނަށް ވަނީ ފުރުޞަތު ދީފައެވެ. އެގޮތުން މާޒިޔާގެ ބަދަލު ކީޕަރު ހުސެއިން ޝަރީފާއި، އީގަލްސްގެ ބަދަލު ކީޕަރު މުޙައްމަދު ޝަފީއުއާއި، ނިއުރޭޑިއަންޓްގައި މެޗެއް ކުޅެފައިނުވާ އަބުދުﷲ ޒިމާމް ހިމެނެއެވެ. ޒިމާމްއަށް ފުރުޞަތު ދިން އިރު އެންމެ ފަހުން ނިއު ކުޅުނު ދެ މެޗުގައި ގޯލް ބެލެހެއްޓި އަބުދުﷲ ޒިޔަޒަންއަށް ފުރުޞަތެއް ނުދެއެވެ.

ސްކޮޑުން ޖާގަ ގެއްލުނު ކުޅުންތެރިންގެ ތެރޭގައި މާޒިޔާގެ އަހުމަދު އިމާޒުއާއި، ޔަސްފާދު ހަބީބުއާއި، ޤާސިމް ސަމާމްއާއި، ޓީސީގެ އިބްރާހީމް މަހުދީއާއި، ގްރީން ސްޓްރީޓްގެ އަހުމަދު ނިޒާމް ހިމެނެއެވެ. ޤައުމީ ޓީމްގެ ކުރީގެ މިޑްފީލްޑަރ މުޙައްމަދު އާރިފް (ބަކާ)އަށް މިފަހަރުވެސް ޓީމުން ފުރުޞަތެއް ނުދެއެވެ. ސްކޮޑުން ޖާގަ ލިބުނީ ވިކްޓްރީގެ ދެ ކުޅުންތެރިންނަށެވެ. އެއީ އިސްމާއީލް އީސާއާއި، ކީޕަރު މުޙައްމަދު އިމްރާނެވެ. 

ގައުމީ ޓީމް އެކުލަވާލީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާނާ ވާދަކުރާ މެޗަށެވެ. އެ މެޗުގެ ކުރިން ޤައުމީ ޓީމް އަފްޣާނިސްޠާނާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗާއި، ތައިލެންޑްގައި ފުރިހަމަކުރާ ކޭމްޕްގައިވެސް ފުރުޞަތު ދޭނީ ރޭ އެކުލަވާލި ޤައުމީ ސްކޮޑްގެ ކުޅުންތެރިންނަށެވެ. 

ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމް އަފްޣާނިސްޠާނާ ދެކޮޅަށް ނިކުންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހު ޤަޠަރުގައެވެ. އެ މެޗަށްފަހު ޤައުމީ ޓީމް ތައިލެންޑްގައި ކޭމްޕް ކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ބުޓާނާ ދެކޮޅަށް ނިކުންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ބޫޓާންގައެވެ. 



ޤައުމީ ޓީމްގައި މާޒިޔާއިން ހިމެނޭ ކުޅުންތެރިން:

- އަމްދާން އަލީ

- މުޙައްމަދު އިރުފާން

- އަސަދުﷲ އަބުދުﷲ

- އަސްއަދު އަލީ

- މުޙައްމަދު އުމެއިރު

- ހުސެއިން ޝަރީފް ( ކީޕަރު )

- ސަމޫހު އަލީ

- ހުސެއިން ނިޔާޒު މުޙައްމަދު

ޤައުމީ ސްކޮޑްގައި ޓީސީން ހިމެނޭ ކުޅުންތެރިން:

- މުޙައްމަދު އައްޒާމް

- ހަސަން ނާއިޒު

- އިބްރާހީމް ވަހީދު ހަސަން



ޤައުމީ ސްކޮޑްގައި ވެލެންސިޔާއިން ހިމެނޭ ކުޅުންތެރިން:

- ޝާފިއު އަހުމަދު

- މުޙައްމަދު ފައިސަލް (ކީޕަރު)



ޤައުމީ ސްކޮޑްގައި އީގަލްސްއިން ހިމެނޭ ކުޅުންތެރިން:

- މުޙައްމަދު ޝަފީއު (ކީޕަރު)

- އިމްރާން ނަޝީދު

- އަހުމަދު ރިޒުވާން

- އަހުމަދު ޒާދު

ޤައުމީ ސްކޮޑްގައި ވިކްޓްރީން ހިމެނޭ ކުޅުންތެރިން:

- މުޙައްމަދު އިމްރާން

- އިސްމާއީލް އީސާ

ޤައުމީ ސްކޮޑްގައި ނިއުރޭޑިއަންޓުން ހިމެނޭ ކުޅުންތެރިން:

- ހަމްޒާ މުޙައްމަދު

- މުޙައްމަދު ރަޝީދު

- އަލީ ފާސިރު

- އަހުމަދު އަބުދުﷲ

- އަކްރަމް އަބުދުލްޣަނީ

- އަބުދުﷲ ޒިމާމް

ޤައުމީ ސްކޮޑްގައި ގްރީން ސްޓްރީޓުން ހިމެނޭ ކުޅުންތެރިން:

- މުޙައްމަދު ސާއިފް

- އަހުމަދު ރަޝީދު