ކޮންމެ އަހަރަކުވެސް ޝައުބާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމާއެކު، ރަމަޟާންމަހަށް ހަނދު ބަލުމަކީ އިސްލާމީ އުންމަތް ކުރިމަތިލާ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ބަރަކާތްތެރި ރަމަޟާންމަސް ފެށިއްޖެކަން ނުވަރަ ރަމަޟާންމަސް ފެށޭނީ ޝަޢުބާންމަހުގެ 30 ހަމަކޮށްފައިތޯ ޔަޤީންވެގެންދާނީ ހަނދާމެދު ވަކިގޮތެއް ކަނޑައެޅިގެން ކަމަށްވާތީއެވެ.
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އަށްސަތޭކައަށްވުރެ ގިނަ އަހަރުވެފައިވާ ދިވެހިރާއްޖޭގައިވެސް ކޮންމެ އަހަރެއްގެ ޝަޢުބާންމަހުގެ 29 ވަނަ ދުވަސް ވަނީ ޚާއްސަ ދުވަހަކަށެވެ. ރަމަޟާންމަހަށް ހަނދުބެލުން ނުވަތަ ރޯދައަށް ހަނދުބެލުން އެކި ޒަމާންތަކުގައި ރާއްޖޭގައި ހިނގާފައިވަނީ އެކިގޮތަށެވެ.
ޒަމާނީ ތަރައްޤީއާއި، ފަހުގެ ސައިންސާއި ޢިލްމީ ހޯދުންތަކުގެ އަލީގައި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކާއެކު، ހަނދުބެލުމުގައި އިތުބާރުހުރި ފަލަކީ ޢިލްމުގެ ބޭނުން ރާއްޖޭގައި ކުރަން ފަށާފައިވާ މިހާރުވަނީ އެތައް އަހަރެއްވެފައެވެ.
އެހެންނަމަވެސް ކޮންމެ އަހަރަކުވެސް ހަނދު ސާބިތުކުރުމަށް ޚާއްސަ ރަސްމިޔާތެއްބާއްވައި ގޮތެއް ނިންމައެވެ. މިގޮތް ނިންމުމުގައި، ފަލަކީ ހިސާބުގެ އިތުރުން، ޢަމަލީގޮތުން މީހަކަށް ހަނދު ފެނުނުތޯ ސާބިތުކުރުމާއި، އިސްލާމީ އެހެން ޤައުމުތުން ހަނދާމެދު އެއަހަރަކު ޢަމަލުކުރި ގޮތުގެ މައްޗަށްވެސް ރިޢާޔަތް ކުރެއެވެ.
ހިޖުރީ ކަލަންޑަރުގައި ހިމެނޭ މަސްތައް ފުރިހަމަވަނީ ދުނިޔެ ވަށައިގެން ހަނދު ކުރާ ދަތުރުގެ ފުރިހަމަ ބުރެއް ހަމަވުމުންނެވެ. މި އުސޫލުން ބަލާއިރު، މިއަހަރުގެ ޝައުބާން މަސް ފުރިހަމަ ވާނީ ރާއްޖެ ގަޑިން މިރޭ މެންދަމު 00:44 ހާއިރުއެވެ. img:http://s3.psmnews.mv/images/660x400/14957059349629.jpg|
އިތުބާރުހުރި ފަލަކީ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެންމެ އުތުރުން ހއ.ތުރާކުނަށް މިއަދު އިރު އެރީ 05:50 ގައެވެ. އުތުރުން ތުރާކުނަށް މިއަދު އިރުއޮއްސޭނެކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ 18:19 ގައެވެ. އަދި މިއަދު އުތުރުގެ ސަރަޙައްދަށް ހަނދު އެރީ 05:16 ގައެވެ. ހަނދު އޮއްސޭނެކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ 17:59 ގައެވެ. އެހެންކަމުން އިރު އޮއްސުމުގެ ވިއްސަކަށް މިނެޓުކުރިން ރާއްޖޭގެ އުތުރަށް ހަނދު އޮއްސޭނެކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ. img:http://s1.psmnews.mv/images/660x400/14957059570898.jpg|
މާލެ ސިޓީ ސަރަޙައްދަށް ބަލާއިރު، މިއަދު އިރު އެރީ 05:52 ގައެވެ. މިއަދު އިރު އޮއްސޭނެކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ 18:12 ގައެވެ. މާލެ ސަރަޙައްދަށް މިއަދު ހަނދު އެރީ 5:16 ގައެވެ. މިސަރަޙައްދަށް މިއަދު ހަނދު އޮއްސޭނެކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ 17:53 ގައެވެ. އެހެންކަމުން މި ސަރަޙައްދަށް އިރު އޮއްސުމުގެ 17 މިނެޓެއްހާއިރު ކުރިން ހަނދު އޮއްސޭނެކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ. img:http://s1.psmnews.mv/images/660x400/14957059804045.jpg|
ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއަށް ބަލާއިރު، މިއަދު އިރު އެރީ 06:01 ގައެވެ. މި ސަރަޙައްދަށް މިއަދު އިރު އޮއްސޭނެކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ 18:06 ގައެވެ. އައްޑޫސިޓީ ސަރަޙައްދަށް މިއަދު ހަނދު އެރީ 05:23 ގައެވެ. ހަނދު އޮއްސޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ 17:49 ގައެވެ. އެހެންކަމުން މި ސަރަޙައްދަށް އިރުއޮއްސުމުގެ 17 މިނެޓެއްހާއިރު ކުރިން ހަނދު އޮއްސޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.
އިތުބާރުހުރި ފަލަކީ ހިސާބަކީ ދުނިޔޭގެ އިސްލާމީ ހުރިހައި ޤައުމަކުންވެސް ޤަބޫކުރާ އަދި ހަނދު ސާބިތުކުރުމުގައި އެއަށް ވަރަށްބޮޑަށް ރިޢާޔަތްކުރާ ޢިލްމަކަށްވާއިރު، ރާއްޖޭގެ އެއްވެސް ސަރަޙައްދަކަށް މިރޭ ރަމަޟާންމަހުގެ ހަނދު ފެނުމުގެ އެއްވެސް ފުރުސަތެއް ނެތްކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.