ދުނިޔެ

އެމެރިކާގެ ރައީސް ސައުދީ ޢަރަބިއްޔާއަށް ވަޑައިގެންފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ސައުދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ.

މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ކަމާ ހަވާލުވެވަޑައިގެން ޓްރަމްޕް ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ސައުދީ ޢަރަބިއްޔާގެ އިތުރުން އިސްރާއީލާ، ފަލަސްޠީނު، ބެލްޖިއަމް އަދި އިޓަލީވިލާތަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރިޔާސަތުގައި ޤައުމުން ބޭރަށް ފުރަތަމަ ދަތުރުފުޅެއް މިކުރައްވަނީ އެމެރިކާގެ ދާޚިލީ މަސްރަހުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕްގެ ސަރުކާރާ ރަޝިޔާއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު ހުކުރު ދުވަހު ފެއްޓެވި ދަތުރުފުޅަކީ މި މައްސަލަތަކުން އެއްކިބާވެ ދުނިޔޭގެ މަސްރަހުގައި އެމެރިކާގެ އައު ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށް ޓްރަމްޕަށް ލިބިވަޑައިގެން ރަނުގެ ފުރުސަތެއްގެ ގޮތުގައި މުރާސިލުން ފާހަގަކުރެއެވެ.

ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވީ، މިދަތުރުފުޅާއެކު ސަރުކާރަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ފަހަތަށް ޖެހިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެމެރިކާގެ ރައީސް ޓްރަމްޕްގެ ދަތުރުފުޅުގެ މައިގަނޑު ތިން ބޭނުމެއް ވާކަމަށް އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ވަނީ ވިދާޅުވެފައެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އެޗް.އާރް. މެކްމާސްޓަރ ވިދާޅުވީ، ޓްރަމްޕްގެ ދަތުރުފުޅުގެ ފުރަތަމަ މަޤްސަދަކީ ދުނިޔޭގެ މަސްރަހުގައި އެމެރިކާގެ ލީޑަރޝިޕް ކަށަވަރު ކުރެއްވުމާ، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ އިސްވެރިންނާ އެކު އޮންނަ ގުޅުން ބަދަހި ކުރެއްވުމާ އަދި އެމެރިކާއަށް ވާގިދޭ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ޤާޢިމުކުރުން ކަމަށެވެ.

ޤައުމުން ބޭރަށް ވަޑައިގެން ފުރަތަމަ ދަތުރުފުޅުގައި، ޓްރަމްޕްގެ އެންމެ ފުރަތަމަ މަންޒިލަކަށް ވީ ސައުދީ ޢަރަބިއްޔާއެވެ. ސައުދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާއާ ސަައުދީގެ ދޭދޭ ގުޅުމާ ބެހޭ ޙާއްސަ ސަމިޓެއްގައި ޓްރަމްޕް ބައިވެރިވަޑައިގަންނަވާނެ ކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ޤައުމުތަކާ އެމެރިކާއެކު ބާއްވާ ސަމިޓެއްގައި އެމެރިކާގެ ރައީސް ބައިވެރިވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެއަށް ފަހު އަރަބި އިސްލާމިކް ޤައުމުތަކާ އެމެރިކާއާ ދެމެދު ބާއްވާ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ބައިވެރިވަޑައިގަންނަވާނެއެވެ.

ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުފުޅަށްފަހު ޓްރަމްޕް ދެން ވަޑައިގަންނަވާނީ އިސްރާއިލަށް ކަމަށް ވައިޓްހައުސްއިން ވަނީ ބުނެފައެވެ. މިދަތުރުފުޅުގައި އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ޓްރަމްޕް އަލުން ބައްދަލުކުރައްވާއިރު ފަލަސްޠީނުގެ ސަރަހައްދަށްވެސް އެމެރިކާގެ ރައީސް ޒިޔާރަތް ކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިދަތުރުފުޅުގައި ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސާ ބައްދަލުކުރައްވާނެ ކަމަށް ޚަބަރު ލިބެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ 4 ވަނަ މަންޒިލަކަށްވާނީ ވެޓިކަން ސިޓީ ކަމަށާ އެރަށުގައި ޕޯޕްއާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމެރިކާއިން ބުނެއެވެ. މިިއަށްފަހު ދެން ޓްރަމްޕް މިސްރާބު ޖައްސަވާނީ ދުނިޔޭގެ އެންމެ ބާރުގަދަ 7 ޤައުމު ޖީ-ސެވަންގެ ސަމިޓްގައި ބައިވެރިވަޑައިގަތުމަށް އިޓަލީވިލާތުގެ ސިސިލީއަށެވެ. އެމެރިކާގެ ރައީސް ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކަށްވާނީ ބެލްޖިއަމްގެ ބްރަސަލްސް ކަމަށް ޚަބަރު ލިބެއެވެ. އަދި ބްރަސަލްސްގައި ނޭޓޯގެ ޤައުމުތަކުގެ އިސްވެރިންނާއެކު އެމެރިކާގެ ރައީސް ޚާއްސަ ސަމިޓެއް ބާއްވަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.