ޚަބަރު

ޖޭއެސްސީގެ މެންބަރުކަމަށް އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް


ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް, ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު ކަމަށް އަލްއުސްތާޛް ޢަބްދުއްރަޢޫފް އިބްރާހީމް އައްޔަނު ކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު ކަމަށް އަލްއުސްތާޛް ޢަބްދުއްރަޢޫފް އައްޔަނުކުރެއްވުމުގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމުގެ ހުވާ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ އަރީފްއެވެ. އެއަށްފަހު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛް ޢަބްދުއްރަޢޫފާ ޙަވާލުކުރައްވާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް އަލްއުސްތާޛް ޢަބްދުއްރަޢޫފް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވަނީ ހައިކޯޓްގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބުކުރާ މެމްބަރުގެ ގޮތުގައެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުން އައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ. އޭގެތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރީމް ކޯޓުގެ ފަނޑިޔަރުންގެ ތެރެއިން އެކޯޓުން ކަނޑައަޅުއްވާ ފަނޑިޔާރަކާއި، ހައިކޯޓްގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ދަށުކޯޓްތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓްތަކުގެ އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ރައޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަޖިލީހުން ކަނޑައަޅުއްވާ މެމްބަރަކާއި، ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެމްބަރަކާއި، ދައުލަތުގެ ބަންޑާރަނައިބާއި، ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރެވޭ ބޭފުޅެކެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ސުޕްރީމް ކޯޓް ފިޔަވައި، ރާއްޖޭގައި ޤާއިމުވެފައިހުރި ކޯޓްތަކަށް ފަނޑިޔާރުން އައްޔަނުކުރުމާއި، ވަކިކުރުމުގެ ބާރާއި، ފަނޑިޔާރުންގެ ސުލޫކީ ކަންކަން ބެލެހެއްޓެވުމުގެ ބާރުލިބިފައިވާ މިނިވަން މުސްތަޤިއްލު މުވައްސަސާއެކެވެ.