2016 ވަނައަހަރު ކުރެވުނު ކައިވެނީގެ ނިސްބަތަށް ބަލާއިރު، 2016 ވަނައަހަރުގެ ތެރޭގައި 62 އިންސައްތަ ވަރިކޮށްފައިވާކަމަށް ޝަރުޢީ ދާއިރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް ހަމަޖެހިފައިވާ ގޮތުން ކާވެނި ރަޖިސްޓްރީކޮށްދިނުމާއި، ވަރިއާއި، އަނބިދަރިންނަށް ޚަރަދު ދިނުމާއި، ކުދިންގެ ޙަޟާނާތާއި އަދި އެނޫންވެސް ޢާއިލީ ދިރިއުޅުމާ ގުޅިފައިވާ ކަންކަމާގުޅޭގޮތުން އުފެދޭ މައްސަލަތައް ބަލަމުންދަނީ ޝަރުޢީ ކޯޓުތަކުންނެވެ. އެގޮތުން ކާވެނި ރަޖިސްޓްރީކޮށްދިނުމާއި، ޢާއިލީ ދިރިއުޅުމާ ގުޅިފައިވާ އެފަދަ މައްސަލަތައް ބަލަމުންދަނީ، މާލޭގައި ނަމަ، ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ފެމިލީ ކޯޓުން، އަދި އަތޮޅުތެރޭގައި ނަމަ ކޮންމެ ރަށެއްގައި ޤާއިމުކުރެވިފައިވާ މެޖިސްޓްރޭޓް ކޯޓުތަކުނެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޢާންމުކޮށްފައިވާ 2016 ވަނައަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2016 ވަނައަހަރުގެ ތެރޭގައި 5488 ކައިވެނި ރަޖިސްޓްރީކޮށްފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ފެމިލީ ކޯޓުގައި ރަޖިސްޓްރީ ކުރެވުނު 2304 ކައިވެންޏާއި، މެޖިސްޓްރޭޓް ކޯތްތަކުގައި ރަޖިސްޓްރީ ކުރެވުނު 3184 ކައިވެންޏެވެ.
2016 ވަނައަހަރު ޖުމްލަ 3417 މައްސަލަ ކޯޓްތަކުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ. މީގެތެރޭގައި ހިމެނެނީ މާލޭގައި ހުންނަ ފެމިލީ ކޯޓްގައި ރަޖިސްޓްރީ ކުރެވުނު 1341 ވަރިއާއި، އަތޮޅުތަކުގައި ރަޖިސްޓްރީ ކުރެވުނު 2076 ވަރިއެވެ.
މި ތަފާސް ހިސާބުތަކަށް ބަލާލާއިރު، 2016 ވަނައަހަރު ކުރެވުނު ކައިވެނީގެ ޢަދަދަށް ބަލާއިރު، 62 އިންސައްތަ ވަރިކުރެވިފައިވެއެވެ. މި ތަފާސްހިސާބުތަކުން ތަރުޖަމާ ކުރެވޭ ގޮތުގައި ރާއްޖޭގައި ކުރެވޭ ކައިވެނީގެ ސަކްސެސް ރޭޓަކީ ނުވަތަ ކުރެވޭ ކައިވެނީގެ ތެރެއިން ކާމިޔާބު ކައިވެނީގެ ނިސްބަތަކީ 38 އިންސައްތައެވެ.
ވަރިކުރެވޭ ގޮތަށް ބަލާލާއިރު، 2016 ވަނައަހަރުގެ ތެރޭގައި ގިނައިން ވަރިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކޯޓުން ބޭރުގައެވެ. ޢާއިލާއާ ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުން، ފިރިމީހާ، އަނބިމީހާ ވަރިކުރަން ބޭނުންވެއްޖެ ނަމަ ވަރިކުރަންވާނީ، ކަމާބެހޭ ކޯޓަށް އެކަން ހުށަހަޅައި، ޤާޟީ އެކަމަށް ހުއްދަ ދިނުމުންނެވެ. މި އުސޫލާ ޚިލާފަށް 1850 ވަރި ކޮށްފައިވާއިރު، ޤާނޫނާ އެއްގޮތަށް 2016 ވަނައަހަރު ކޮށްފައިވަނީ 1460 ވަރިއެވެ.
ދިވެހިރާއްޖޭގައި އަލަތު ކައިވެނިކުރާ ފަރާތްތައް ކައިވެނި ކުރެވެނީ ކައިވެންޏާ ގުޅޭ މައުލޫމާތު ދޭ ކޯހެއް ފުރިހަމަކުރުމަށްފަހުއެވެ.