މާޒިޔާ ބަލިކުރަން ޓީސީގެ ކުޅުންތެރިން އިތުރު ހިތްވަރެއްލާނެކަމަށް ޓީސީ ސްޕޯރޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ.
މާދަމާރޭ ކުޅޭ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗަށް އިޝާރާތްކޮށް ޓީސީ ސްޕޯރޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުނީ މިމެޗަކީ ޓީސީއަށް ވަރަށް މުހިންމު މެޗެއްކަމަށެވެ. ލީގުގައި މިހާތަނަށް ބަލިނުވާ ހަމައެކަނި ޓީމް މާޒިޔާ ބަލިކުރަން ޓީސީގެ ހުރިހާ ކުޅުންތެރިންވެސް ބޭނުންވާކަމަށް ނިޒާމް ބުންޏެވެ. އަދި އާންމުކޮށް ބޮޑެތި ޓީމްތަކާ ދެކޮޅަށް ކުޅޭއިރު، އޭނާގެ ކުޅުންތެރިން އިތުރު ހިތްވަރެއް ލާކަން ނިޒާމް ފާހަގަކުރިއެވެ. ލީގުގައި އެންމެ ފަހުން ކުލަބް އީގަލްސް އަތުން ޓީސީ ބަލިވިނަމަވެސް، މިހާރު އެމެޗުގެ ހުރިހާ ކަމެއް ހަނދާން ނައްތާލާފައިވާކަމަށާއި، ކުޅުންތެރިންގެ ހުރިހާ ވިސްނުމެއްވެސް މިހާރު ހުރީ މާޒިޔާ މެޗަށްކަމަށް ނިޒާމް ބުންޏެވެ.
"މާޒިޔާ ވީމަވެސް ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެ. އަބަދުވެސް ވިސްނައިދެން ކުޅުންތެރިންނަށް ޓީމްގެ ނަމަށް ނުބަލާ ކުޅުމަށް، ނަމަވެސް ބައެއް ފަހަރު ކުޅުންތެރިން ބައެއް ކުލަބްތައް ވަރަށް ފަސޭހަކޮށް ނަގާ. ކިތަންމެ ވަރަކަށް ކިޔައިދިނަސް ކުޅުންތެރިން އެގޮތަށް ނަގަނީ. މާޒިޔާއަކީ މިހާރު ފުޓްބޯޅައިގެ ގަދަ ބާރެއް. ޓީސީން މާޒިޔާއަށް އެންމެ ތަންކޮޅެއްވެސް ދޫކުރާ ގޮތަކަށް ނޫން މިތިބީ. ކުޅުންތެރިންވެސް ބޭނުންވަނީ މާޒިޔާ ބަލިކުރަން. އަދި މާޒިޔާއާ ދެކޮޅަށް ނިކުންނައިރު، ކުޅުންތެރިން އިތުރު ހިތްވަރެއް ލާނެ، މާޒިޔާ ބަލިކުރަން" ނިމާޒް ބުންޏެވެ.
މާޒިޔާގެ ކޯޗު މަރުޔާން ސެކުލޮވްސްކީ ބުނީ ލީޑު ފުޅާކުރުމަށް ޓީސީގެ މައްޗަށް ކުރި ހޯދުން މުހިއްމުކަމަށެވެ. މިހާރުވެސް ކުޅުންތެރިން ކުރަމުންދާ ބުރަ މަސައްކަތް ބަލައިގަންނަކަމަށާއި، ޓީސީއާ ދެކޮޅަށްވެސް މާޒިޔާގެ ކުޅުންތެރިން 100 ޕަސެންޓް ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ކޯޗު ބުންޏެވެ. ޓީމަށްވުރެ އެއްވެސް ކުޅުންތެރިއަކު މޮޅު ނުވާނެކަމަށާއި، މޮޅުވާނީ ޓީމެއްގެ ގޮތުގައި ކުޅެގެންކަމަށްވެސް މާޒިޔާގެ ކޯޗް ފާހަގަކުރިއެވެ.
"ވަކި ވަކި ކުޅުންތެރިންނަށްވުރެ އަހަރެން އިސްކަންދެނީ ޓީމެއްގެ ގޮތުގައި ކުޅުންތެރިން ލައްވާ މަސައްކަތް ކުރަން. މިހާރުވެސް މާޒިޔާގެ ކުޅުންތެރިން ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ގިނަ ކާމިޔާބީތަކެއް ހޯދާފައިވޭ. އަހަރެން ބޭނުމެއްނޫން އެހެން ޓީމެއްގެ ވާހަކަ ދައްކާކަށް، ދަނޑުމަތީގައި މަޒިޔާ ދައްކާ ކުޅުމަށް އަހަރެން ބަލަނީ." ކޯޗު ބުންޏެވެ.
މިއަދުވެސް މާޒިޔާގެ ކޯޗު ވަނީ ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހޭތީ ކުޅުންތެރިން ވަރުބަލިވާކަން ފާހަގަކޮށްފައެވެ. އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ޓީސީ ސްޕޯރޓްސް ކުލަބާއި މާޒިޔާ ވާދަކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ. މެޗުން މޮޅުވެއްޖެ ނަމަ މާޒިޔާއަށް އެއްވަނާގައި 6 ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ. ޓީސީ މޮޅުވެއްޖެނަމަ ފުރަތަމަ ބުރުން ތިންވަނަ ލިބޭނެއެވެ.