ކުރިއަށް އޮތް ރޯދަމަހު ސްކޫލްތަކުގައި ކިޔަވައިދެއްވާނެ ގަޑިތައް އެޑިއުކޭޝަން މިނިސްޓްރީން އާއްމުކުރައްވައިފިއެވެ.
ރޯދަމަހުގައި ކިޔަވައިދޭ ގަޑިތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރުއްވާފައިވާ ސަރކިއުލާގައި ވަނީ ހެނދުނު ދަންފަޅި ނުވަތަ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ކިޔެވުން ފަށްޓަވާނީ ހެނދުނު އަށްގަޑި ސާޅީހާއި ނުވަގަޑި ސުންމިނެޓާއި ދެމެދުގެ ވަގުތެއްގައިކަމަށެވެ. އަދި މެންދުރުފަހުގެ ދަންފަޅި ފަށްޓަވާނީ ހެނދުނު އެގާރަ ގަޑި ތިރީހުން މެންދުރު އެއްގަޑި ސުންމިނެޓާއި ދެމެދުގެ ވަގުތެއްގައިކަމަށް އެޑިއުކޭޝަނުން ނެރުއްވި ސަރކިއުލާގައި ވަނީ ވިދާޅުވެފައެވެ. ސަރކިއުލާގައި ވަނީ މެންދުރުފަހުގެ ދަންފަޅި ފަށާ ގަޑި މެންދުރު ނަމާދަށް ވަގުތު ދެވޭގޮތަށް ހަމަޖެއްސިދާނެކަމަށެވެ. އަދި ކޮންމެ ދުވަހެއްގެވެސް ކިޔެވުން ތިންގަޑި ސުންމިނެޓަށް ނިމޭގޮތަށް ގަޑިތައް ހަމަޖެއްސުމަށް މި ސަރކިއުލާގައި ވިދާޅުވެފައެވެ.
ގްރޭޑް އެކަކުން ހަތެއްގެ ދަންފަޅީގެ ދިގުމިން ދެގަޑި އިރާ ތިރީސް މިނިޓަށް ހަމަޖައްސާފައިވާއިރު ގްރޭޑް އަށަކުން ދިހައަކަށް ދަންފަޅީގެ ދިގުމިން ތިންގަޑި އިރު އަދި ގްރޭޑް އެގާރަ އަދި ބާރަ ހަތަރުގަޑިއިރަށްވުރެ ދިގުނުވާނެގޮތަށް ރޯދަމަހު ސްކޫލުތަކުގައި ކިޔަވައިދޭ ގަޑިތަކަށް ގެނެސްފައިވާ ބަދަލުގައިވެއެވެ. ޕްރީސްކޫލްގެ ކިޔެވުން ދޮޅުގަޑިއިރަށްވުރެ ދިގުނުވާނުގޮތަށް އިންތިޒާމްކުރުމަށް އެޑިއުކޭޝަނުން ނެރުއްވި މިސަރކިއުލާގައި ވަނީ ވިދާޅުވެފައެވެ. އެހެން މަސްތަކާއި ތަފާތުކޮށް ރޯދަމަހުގައި ކިޔަވައިދޭ މާއްދާއެއްގެ ދިގުމިން ތިރީސް މިނެޓާއި ސާޅީސް ފަސްމިނެޓާ ދެމެދު ވަގުތަކަށް އިންތިޒާމް ކުރަންޖެހޭ ގޮތަށް މި ސަރކިއުލާގައި ވަނީ ވިދާޅުވެފައެވެ.