ތުރުކީވިލާތުގެ ޕަބްލިކް ސެކްޓަރުގައި މަސައްކަތްކުރާ ހަތަރު ހާހަށްވުރެ ގިނަ މީހުން ވަޒިފާއިން ވަކިކޮށްފިއެވެ.
ތުރުކީވިލާތުގެ ސަރުކާރުން ބުނެފައިވަނީ މި މީހުން ވަޒީފާއިން ވަކިކުރީ ޓެރަރިސްޓް ޖަމާޢަތަކާ ގުޅުންތައް ހުރި ކަމުގެ ހެކި ލިބިފައިވާތީ ކަމަށާއި މިއީ ޤައުމީ ސަލާމަތަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ. ތުރުކީވިލާތުގެ ސަރުކާރުން މި މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހު އެޤައުމަށް ގެންނަން މަސައްކަތް ކުރި ބަޣާވާތުގައި ބައިވެރިވިކަމަށް ބެލެވޭތީ ކަމަށް އެޤައުމުގެ ސަލާމަތީ އިދާރާތަކުން ބުނެއެވެ.
ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ތެރޭގައި އެޤައުމުގެ އަދުލު އިންސާފާބެހޭ ވުޒާރާގައި މަސައްކަތްކުރާ އެއް ހާސް މުވައްޒަފުންނާއި އަސްކަރިއްޔާއަށް ނިސްބަތްވާ އެއްހާސް މުވައްޒަފުންނާއި އަސްކަރިއްޔާގައި ހިމެނޭ ވައިގެ ސިފައިންގެ ސަތޭކައަށްވުރެ ގިނަ މީހުން ހިމެނެއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި ބަޣާވާތާ ގުޅުން ހުރި ކަމަށް ބެލެވޭ ނުވަހާސް ފުލުހުން މިދިޔަ ހަފްތާގައި ވަނީ މަޤާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ.
ބަޣާވާތުގައި ބައިވެރިވި މީހުން ހައްޔަރު ކުރަމުންދާއިރު، ތުރުކީވިލާތުގެ ރައީސްގެ ބާރުތައް އިތުރުކުރުމަށް އެޤައުމުގައި މިމަހުގެ ސޯޅަވަނަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓު އެޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ކާމިޔާބު ކުރެއްވުމުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އިތުރަށް ހަރުކަށިވާނެކަމަށް މުރާސިލުން ދެކެއެވެ.