ވިލާތުގެ އިއްތިޙާދުން ވަކިވުމަށް އިނގިރޭސިވިލާތުން ކުރަމުންދާ މަސައްކަތުގައި އެއިއްތިޙާދުގައި ހިމެނޭ މެމްބަރު ހަތާވީސް ޤައުމުން މަސައްކަތް ކުރަނީ އެގައުމާ ދެކޮޅަށް ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭ ތުހުމަތުކުރައްވައިފިއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު މިހެން ވިދާޅުވެފައި މިވަނީ ވިލާތުގެ އިއްތިޙާދުގައި ބައިވެރިނުވާ ގައުމުތަކަށް މެމްބަރު ޤައުމުތަކާ އެއްވަރެއްގެ ބާރާ ހައްޤުތައް ލިބޭނެ ކަމަށް އުއްމީދު ކޮށްގެން ނުވާނެ ކަމަށް ޖަރުމަނުވިލާތުގެ ޗާންސަލަރ އެންގެލާ މާރކެލް ވިދާޅުވެފައިވަނިކޮށެވެ.
އިނގިރޭސިވިލާތުގެ ލީޑްސްގައި ކުރިއަށް ދިޔަ ކެމްޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން އިނގިރޭސި ބޮޑު ވަޒީރު މެއި ވިދާޅުވީ، އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުމަށް ދެކޮޅު ހަދާ ފަރާތްތަކުން މިހާރު އެމަސައްކަތަށް ބުރޫ އެރުވުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށާ ވިލާތުގެ އިއްތިޙާދުގައި ހިމެނޭ މެމްބަރު ހަތާވީސް ޤައުމުން މަސައްކަތް ކުރަމުންދަނީ މިކަމާ ދެކޮޅަށް ކަމަށެވެ. މީގެ ސަސަބުން އިނގިރޭސިވިލާތަށް އިޤްތިސާދީ އަދި އިޖްތިމާޢީ ނުތަނަވަސްކަން އުފެދި ޤައުމުގައި އިތުރަށް ދަރަނިވެރިވުމަކީ އެކަށިގެންވާކަމެއް ކަމަށްވެސް އިނގިރޭސި ބޮޑު ވަޒީރު ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު މެއި މިހާރު މަސައްކަތް ކުރައްވަމުން ގެންދަނީ ޖޫން މަހުގެ އަށްވަނަ ދުވަހު އޮންނަ އިންތިޚާބު ކާމިޔާބު ކުރައްވާ ވިލާތުގެ އިއްތިޙާދުން ވަކިވުމަށް ކުރަމުންދާ މަސައްކަތަށް ތާޢިދު ހޯއްދެވުމަށެވެ.
އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކި ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މުހިއްމު މަޝްވަރާތަކެއް ބޭއްވުމަށް އެބައްރުގެ އިސްވެރިން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ބެލްޖިއަމްގެ ބްރަސަލްސްގައި ބައްދަލުކުރައްވާނެއެވެ.