ކުޅިވަރު

އީގަލްސް ބަލިކޮށް، ގްރީން ސްޓްރީޓް 1 ވަނައަށް


އީގަލްސް ބަލިކޮށް، ގްރީން ސްޓްރީޓް ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ. މިއަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ގްރީން ސްޓްރީޓް އެސްޓީއޯ މާލޭ ލީގު ތާވަލްގެ އެއްވަނައަށް ޖެހިލީ މިއަދު 2-0 ން އީގަލްސް ބަލިކޮށް 5 މެޗުން 10 ޕޮއިންޓް ހަމަކޮށްގެންނެވެ.

 ހަތަރު މެޗުން ނިއުއަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އަދި ތިން މެޗުން މޮޅުވެ މާޒިޔާވެސް އޮތީ ނުވަ ޕޮއިންޓާއެކުގައެވެ. 

މެޗުގައި ގްރީން ސްޓްރީޓުން ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. ދެވަނަ ހާފް ފަށައިގެން މިނިޓެއްވެސް ނުވަނީސް ގްރީން ސްޓްރީޓަށް ލީޑް ލިބުނީ އީގަލްސްގެ ފަހަތަށް ކުޅެމުން އަންނަ ހުސެއިން ޝިފާޢު އަތުން ބައިކޮޅަށް ވަތް ގޯލުންނެވެ. ގްރީން ސްޓްރީޓްގެ ދެވަނަ ލަނޑު ބިދޭސީ ކުޅުންތެރިޔާ ސޯބޯލް އިލިއާ ކާމިޔާބުކޮށްދިނީ ލިބުނު ހިލޭޖެހުމަކުންނެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކުލަބް އީގަލްސްގެ ކޯޗް އިހުސާން އަބްދުލް ޣަނީ ބުނީ މެޗުގައި މޮޅަށް ކުޅުނީ ގްރީން ސްޓްރީޓް ކަމަށާއި މިއީ އެޓީމަށް ހައްޤު މޮޅެއްކަމަށެވެ. އަބަދުވެސް ކުލަބް އީގަލްސްއަށް ދިމާވަމުން އަންނަ އެންމެ ބޮޑު މައްސަލައަކީ ގޯލް ނުޖެހުމުގެ މައްސަލަކަމަށްވެސް ސާންތި ބުންޏެވެ. ސާންތިވެސް ޤަބޫލުކުރާ ގޮތުގައި މިއީ ހައިރާންކުރުވަނިވި ނަތީޖާއެކެވެ.

"މިއީ ވަރަށް ސަޕްރައިޒިން ނަތީޖާއެއް. މެޗުން ބަލިވިއިރު، އެކެއް ސުމެއް ނަމަވެސް އޯކޭ، އެކަމަކު ދޭއް ސުކަމުން ބަލިވުން މިއީ ޤަބޫލް ކުރެވޭނެކަމެއްނޫން. މިއަދުވެސް ގްރީން ސްޓްރީޓްގެ ތަފާތަކަށްވީ އެޓީމްގެ ބޭރު ކުޅުންތެރިން. އީގަލްސްއަށް އަބަދުވެސް ބޭނުންވަނީ ލަނޑުޖަހާނެ ރަނގަޅު ބިދޭސީ ކުޅުންތެރިއެއް. ބޮކްސް ތެރޭގައި ތަފާތު ދައްކާނެ ބިދޭސީ ކުޅުންތެރިއެއް. އަދިވެސް މިއުޅެނީ އެކަންތައް ހައްލުނުކުރެވިގެން. މިހާރު މިއޮތީ ވަރަށް ގިނަ މަސައްކަތް ކުރަންޖެހިފަ." މެޗަށްފަހު ސާންތި ބުންޏެވެ.

ގްރީން ސްޓްރީޓްގެ ކޯޗް ޞަބާހު މުޙައްމަދު ބުނީ މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށާއި މެޗުން ތިން ޕޮއިންޓް ލިބުނީވެސް ކުޅުންތެރިންގެ ބުރަ މަސައްކަތުންކަމަށެވެ. މެޗުގައި ތަފާތަކަށްވީ ގްރީން ސްޓްރީޓަށް ލިބުނު ފުރުޞަތުތަކުގެ ބޭނުން ހިފުމުންކަމަށާއި އަދި އެއް ޓީމެއްގެ ގޮތުގައި ކުޅުމުންކަމަށް ސޮބާ ބުންޏެވެ. މިއަހަރުގެ ލީގުގައި މާޒިޔާ ފިޔަވާ އެހެން ހުރިހާ ޓީމް ތަކަކީވެސް ވަރަށް އެއް ފެންވަރެއްގެ ޓީމްތަކެއްކަން ޞަބާ ފާހަގަކުރިއެވެ.

"މެޗުން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭ. ކުޅުންތެރިން ވަރަށް މަސައްކަތްކުރި. މިހާރު މިމެޗު މިނިމުނީ. ދެން ވިސްނަންވީ ކުރިއަށް އޮތް ނިއު މެޗަށް. މާޒިޔާ ފިޔަވާ އެހެން ހުރިހާ ޓީމްތަކަކީވެސް ވަރަށް އެއް ފެންވަރެއްގެ ޓީމްތަކެއް. ނަތީޖާ ގިނަ ފަހަރު ނެރެވެނީ އެދުވަހެއްގެ މެޗަށް ރަނގަޅަށް ތައްޔާރުވެ، މެޗުގައި ރަނގަޅަށް ފަށާ ޓީމަކަށް. މަސައްކަތް ކޮށްފިނަމަ، ނަން މަޝްހޫރު ޓީމްތައްވެސް ބަލިކުރެވިދާނެ" ސޮބާ ބުންޏެވެ.

ސޮބާ ބުނީ އީގަލްސް އަތުން މޮޅުވުމުން އަދި ނިމުނީ ނޫންކަމަށާއި މިތިން ޕޮއިންޓަކީ ޓީމަށް ލިބުނު އިތުރު ހިތްވަރެއްކަމަށެވެ.