ސިއްހަތު

އައިޖީއެމްއެޗްގެ އެކްސްރޭ ރޫމްތައް އިތުރުކުރަނީ


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް- އައި.ޖީ.އެމް.އެޗުން ދެއްވަމުން ގެންދަވާ ޙިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީކުރެއްވުމަށްޓަކައި އެ ހޮސްޕިޓަލުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ބަލިމީހުންނާއި އެމީހުންގެ އެހީތެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސެވުމަށްޓަކައި އައި.ޖީ.އެމް.އެޗުން ދަނީ ގިނަ މަސައްކަތް ކުރައްވަމުންނެވެ.

އެހޮސްޕިޓަލުން ދެއްވަމުންގެންދަވާ ހިދުމަތްތައް ތަރައްޤީކޮށް ޖާގަ އިތުރު ކުރުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން އެކްސްރޭ ރޫމް ބޮޑުކޮށް ޖާގަ އިތުރުކުރުމަށްޓަކައި މިހާރުގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެކްސްރޭ ރޫމްގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ޕީ.އެސް.އެމްއަށް މަޢުލޫމާތުދެއްވަމުން އައި.ޖީ.އެމް.އެޗްގެ ޕަބްލިކް ރިލޭޝަން އެންޑް މީޑިއާގެ ޑިރެކްޓަރ އަޙްމަދު މަޢުސޫމް ވިދާޅުވީ އެކްސްރޭ ރޫމް ގެ ވެއިޓިންގ އޭރިޔާއާއި ރިސެޕްޝަންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

img:http://s3.psmnews.mv/images/660x400/14894709783132.jpg|އައިޖީއެމްއެޗް / ފައިލް ފޮޓޯ: ޕީއެސްއެމް

އައިޖީއެމްއެޗަކީ 24 ގަޑިއިރު ހިދުމަތް ދެއްވަމުން ގެންދަވާ ހޮސްޕިޓަލެއްކަމުން، އެތަނުން ދެއްވަމުންގެންދަވާ ހިދުމަތްތަކަށް ހުއްޓުމެއް އަޔަ ނުދެއްވާ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދަވާކަމަށް މަޢުސޫމް ވިދާޅުވިއެވެ. އަދި އެކްސްރޭ ރޫމާއި ސްކޭން ރޫމްތައް އިތުރުކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަންވެސް މައުސޫމް ފާހަގަކުރެއްވިއެވެ. 

"ސްކޭން ރޫމާއި އެކްސްރޭ ރޫމް އިތުރުވެގެންދާނެ. މެޝިން ބަދަލުކުރުމުގެ މަސައްކަތްވެސް އެބަ ކުރެވޭ. އެކްސްރޭ ޑިޕާރޓްމެންޓް ނިމިގެންދާއިރުގައި، މިހާރު ފެންނަގޮތަށް ބޭރުގައި މީހުން ކިއުޖެހުމުގައި ވެސް ލުއިގޮތެއް ހަމަޖެހިގެންދާނެ" މައުސޫމް ވިދާޅުވިއެވެ.  

އައި.ޖީ.އެމް،އެޗުން ވަނީ އެހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ ބަލި މީހުންނާއި އެމީހުންގެ އެހީތެރިން ބޭނުންކުރުމަށް ހަދާފައިވާ ފާޙާނާތައް މަރާމާތުކުރުމަށް ފަހު އާއްމުކޮށް ހުޅުވާލާފައެވެ. އަދި ކުރިޔަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި އެހޮސްޕިޓަލުން މިހާރު ކުރަމުންގެންދަވާ މަރާމާތުގެ ބޮޑެތި މަސައްކަތް ނިމޭނެކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.