ސިއްހަތު

ސިއްޙީ އެމެޖެންސީ ޕްލޭން ރަނގަޅުކަން ހާމަވެއްޖެ- މިނިސްޓަރ


އިންފުލުއެންޒާ އެޗްވަން އެންވަންގެ ޚާއްސަ ޙާލަތުގެ ސަބަބުން ރާއްޖޭގައި ރަނގަޅު ސިއްޙީ އެމެޖެންސީ ޕްލޭނެއް ޤާއިމް ކުރެވިފައިވާކަން ހާމަވެފައިވާކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޭޑީކޭއިން ރޭ ސެންޓަރަލް ހޮޓެލްގައި ބޭއްވި ފުލޫ ރިލީފް އެޕްރިސިއޭޝަން ނައިޓްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރާއްޖެއަށް ދިމާވި، އިންފުލުއެންޒާގެ ޚާއްސަ ޙާލަތުން ރާއްޖޭގެ ސިއްޙީ ނިޒާމް މިހާރު އޮތް ޙާލަތު ހާމަވެގެން ގޮސްފައިވާ ކަމަށާއި، މިއީ ރަނގަޅު ފާލެއްކަމަށެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްދަނީ އޭޑީކޭ ފަދަ އަމިއްލަ ފާރާތްތަކުގެ އެއްބާރުލެއްވުމާއި އެކުކަމަށާ، އޭޑީކޭއަކީ ޕްރައިވެޓް ސެކްޓަރގެ ތެރެއިން އެންމެ ރަނގަޅު ޚިދުމަތެއް ދޭ ތަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންފުލުއެންޒާގެ ޚާއްސަ ޙާލަތުގައި އެމެޖެންސީ ޓީމުގެ ރެސްޕޮންސް ވަރަށް ރަނގަޅު ކަމަށާއި، ފުލޫގެ ޚާއްސަ ހާލަތުން އަރައި ގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އިފުލުއެންޒާގެ ހާލަތު ޢާއްމު ޙާލަތަކަށް ބަދަލުވީ ސަރުކާރުން ހެލްތު ސެކްޓާގެ އެކި ފަރާތްތަކާއި ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސަބަބުން ކަމަށެވެ.