ޚަބަރު

ގާސިމްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ފަށައިފި


ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ދަޢުވާގެ ޝަރިއްޔަތްތައް ސިއްރުކޮށްފިއެވެ.

ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ ރިޝްވަތު ދިނުމަށް ހުށައެޅުމުގެ ދައުވާއާއި، ރަސްމީ ޙައިޞިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއާއި، ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅުގޮތުގައި ނުފޫޒު ފޯރުވަން އުޅުމުގެ ދަޢުވާއެވެ. ޤާސިމްގެ މައްޗަށް ކޮށްފައިވާ މި ތިން ދައުވާގެ ޝަރިއްޔަތް މިއަދު 11:30 ގައި ކްރިމިނަލް ކޯޓުގައި ވަނީ ފަށްޓަވާފައެވެ.

މި މައްސަލައިގައި ޤާސިމްގެ ޤާނޫނީ ޓީމްގައި ހިމެނޭ ޤާނޫނީ ވަކީލު ހިސާން ޙުސެއިންއާއި، އަޙްމަދު ޝަފީޤް ކްރިމިނަލް ކޯޓްގެ ތަޞައްވުރެ ގޯސްވެދާނެފަދަ ގޮތަކަށް ވާހަކަދައްކާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކޯޓުން ބައްލަވަމުން ގެންދަވާތީ، ޤާސިމްގެ ވަކީލުންގެ ގޮތުގައި ކޯޓަށް ވަނުމުގެ ފުރުޞަތު ދެއްވާފައެއްނުވެއެވެ. ޤާސިމްގެ ޝަރިއްޔަތް މިއަދު ކުރިއަށްގެންދަވަނީ އޭނާގެ ޤާނޫނީ ޓީމްގައި ހިމެނޭ އެހެން ވަކީލުންގެ ޙާޟިރުގައެވެ.

މި ކުށްތައް ޤާސިމް އިބްރާހީމްގެ މައްޗަށް ސާބިތުވެއްޖެނަމަ އެނާ ތަމްސީލުކުރައްވާ ރައްޔިތުން މަޖިލީހުގެ މާމިނގިލީ ދާއިރާގެ ގޮނޑި އޭނާއަށް ގެއްލުމުގެ ފުރުޞަތު އެބައޮތެވެ.