ތަޢުލީމު

"ތަޢުލީމީ ނިޒާމުގެ ތެރެއަށް ގިނަ ބަސްތައް އިތުރުކުރަންޖެހޭ"


ތަޢުލީމުގެ ތެރެއަށް ގިނަ ބަސްތައް އިތުރުކުރައްވައިގެން އެނިޒާމު ކުރި އަރުވައިފިނަމަ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރެއްވުމަށް މަގުފަހިވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިޙާމް ވިދާޅުވެއްޖެއެވެ.

32 ވަނަ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޚާއްސަ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން، އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ ބަސް ކުރިއެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިހާރުވެސް ދިވެހި ކިޔަވައިދެއްވާ މުދައްރިސުންނަށް ޑިގްރީއާ ހަމައަށް ކިޔެވުމަށް ހުޅުއްވާލައްވާފައިވާ ފުރުސަތުގެ ދަށުން މުދައްރިސުން މަތީ ތަޢުލީމު ހާޞިލްކުރަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ތަޢުލީމާގުޅިފައިވާ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ބަސް އަދާކުރާ ދައުރު އެކަމަނާ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަސް ޔުނެސްކޯއިން ޚާއްސަކޮށްފައިވަނީ "ގިނަ ބައްސަ ތައުލީމަކަށް" ބާރު އެޅުމަށްކަމަށެވެ. މިފަދަ ގޮތަކަށް ތަޢުލީމް ކުރިއަރުވައިފިނަމަ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުވޭނެ މަގަކަށް އެކަން ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14919718299940.jpg|ވާހަކަދެއްކުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްްއެމް

"އެންމެހާ ރައްޔިތުންގެ ތަޢުލީމީ ފެންވަރު މަތިކޮށް މުޅި ހަޔާތުގައި އިލްމު އުނގެނެމުންދިޔުމަށް ބާރު އަޅާ ދެމެހެއްޓެނެވި ތަރައްޤީގެ ހަތަރުވަނަ ލަނޑުދަނޑި ހާޞިލްކުރުމަށް މަގުފަހިވެގެންދާނެ. އަމިއްލަ ބަހުން ތައުލީމާއި މަޢުލޫމާތުދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެކަމެއް. އެއީ އުނގެނުން ކުރިއެރުވުމަށާއި، އަމިއްލަ އަޒުމާއި ހިތްވަރު ތަރައްޤީކުރުމަށް. އެކަންކަމަކީ ތަރައްޤީގެ އިންޖީނުގެ މުހިންމު ބައިތަކެއްކަމަށް ޔުނެސްކޯއިން ފާހަގަކުރައްވާ އަޅުގަނޑުމެން މި އަންނަނީ ދީނާއި ދިވެހިބަހާއި ޤައުމިއްޔަތުގެ ލޯބި ދަރިވަރުންގެ ހިތްތަކުގައި އާލާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުން." މިނިސްޓަރ ޑރ ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދެއްވާ މުދައްރިސުންގެ ފެންވަރު މަތިކުރެއްވުމުގެ ގޮތުން ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ތިންހާސް ޓީޗަރުން ތަމްރީނު ކުރެއްވުމުގެ ޕްރޮގްރާމެއް ފަށްޓަވާފައިވާއިރު، މި ޕްރޮގްރާމްގެ ތެރެއިން ދުއިސައްތަ ތިރީސް ފަސް ޓީޗަރުން ދިވެހި ބަހުގެ ޑިގްރީ ހައްދަވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.