ކުޅިވަރު

މާޒިޔާ ބަލިކުރަން ބެންގަލޫރު އެފްސީއަށްވެސް އުނދަގޫވާނެ - ކޯޗު


ބެންގަލޫރު ޓީމަކީ މިދިޔަ އަހަރުގެ ރަނަރަޕްކަމަށްވިއަސް މާޒިޔާ ބަލިކުރަން ބެންގަލޫރު ޓީމަށްވެސް ފަސޭހަނުވާނެކަމަށް މާޒިޔާގެ ކޯޗް މަރްޔާން ސެކްލޮސްކީ ބުނެފިއެވެ. އޭއެފްސީކަޕްގައި މާޒިޔާއާއި ބެންގަލޫރު އެފްސީ ވާދަކުރާ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗް މަރްޔާން ސެކްލޮސްކީ ބުނީ ހުރިހާ ގޮތަކަށް ބެލިނަމަވެސް ބެންގަލޫރު ޓީމަކީ ވަރަށް ފުރިހަމަ ޓީމެއްކަމަށެވެ.

 އިންޑިޔާ ޓީމްތަކާއި ދެކޮޅަށް ރާއްޖޭގެ ޓީމްތަކަށް މާއެދެވޭ ނަތީޖާތަކެއް މިހާތަނަށް ނެރެވިފައިނުވާތީ، އެކަމަށް އިޝާރާތްކޮށް ކޯޗް ސެކުލޮސްކީ ބުނީ ފާއިތުވެދިޔަ ތަނުގައި ނެރެފައިވާ ނަތީޖާތަކާ މިމެޗާ އެއްވެސް ގުޅުމެއް އޮންނާނެކަމަށް ގަބޫލް ނުކުރާކަމަށެވެ. ބެންގަލޫރުގެ މިދިޔަ އަހަރުގެ ޓީމާ މިއަހަރުގެ ޓީމް ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށާއި މާޒިޔާވެސް މިދިޔަ އަހަރަށް ވުރެ ވަރުގަދަކަމަށް ކޯޗު ބުންޏެވެ. ބެންގަލޫރު އެފްސީއާ ދެކޮޅަށް ނިކުންނައިރު މާޒިޔާ ޓީމެއްގެ ގޮތުގައި ކުޅެފިނަމަ، މެޗް ކާމިޔާބު ކުރެވިދާނެކަން މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީ ފާހަގަކުރިއެވެ.

"އެއްވެސް ވަރަކަށް ބޭނުމެނޫން އިދިކޮޅުން ނިކުންނަ ޓީމްގެ ވަރުގަދަކަމާއި މެދު މާބޮޑަށް ވިސްނާކަށް. ކިތަންމެ ގިނަ މެޗުތަކެއް ބެންގަލޫރު ޓީމުން މިދަނޑުގައި ކުޅެފައި ހުރިނަމަވެސް މިމެޗް ތަފާތުވާނެ. އަހަރެން އަހަރެންގެ ކުޅުންތެރިންނަށް އިތުބާރުކުރަން. 100 ޕަސެޓް އިތުބާރު އެބައޮތް ޓީމާމެދު. މިއީ ދެ ޓީމަށްވެސް ވަރަށް މުހިންމު މެޗެއް. ބައެއް މީހުން ބުނޭ މިއީ އިންޑިޔާއާއި ދިވެހި ރާއްޖޭގެ ކުރިމަތިލުމެކޭވެސް. އަހަރެން ގަބޫލް ކުރަނީ ކޮންމެ ގައުމެއްގެ ޓީމަކާ ދެކޮޅަށް ނިކުންނަން ޖެހުނުނަމަވެސް، މަސައްކަތްކޮށްފިއްނަމަ ކާމިޔާބުވާނެކަމަށް. ބޭނުންވަނީ ދަނޑުމަތީގައި ކުޅުންތެރިންގެ މެކްސިމަމް ދިނުން." މާޒިޔާގެ ކޯޗް ބުންޏެވެ.

އެންމެ ފަހުން ލީގުގައި ބެންގަލޫރު އެފްސީ، މޯހަން ބަގާން އަތުން ބަލިވެފައެވެ. އެމެޗްގައި ބެންގަލޫރު އެފްސީގެ މުޙިއްމު 5 ކުޅުންތެރިއަކު ކުޅެފައެއްނުވެއެވެ. މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީ ބުނީ އެކަމުންވެސް އެނގިގެންދަނީ ބެންގަލޫރު އެފްސީން އޭއެފްސީކަޕް މެޗަށް ދޭ ސަމާލުކަންކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ އިންޑިޔާގެ ޓީމްތަކަށް ރާއްޖޭގެ ޓީމްތައް ވަރަށް ފަރިތަވާނެކަމަށެވެ. ނަމަވެސް މެޗުން މޮޅުވުމަށް ވަރަށް އުނދަގޭވާނެކަމަށް އަސަދުﷲ ބުންޏެވެ. ބެންގަލޫރު ޓީމްގެ އެންމެ ތަފާތު މޮޅު ކުޅުންތެރިއަކީ ގައުމީ ޓީމްގެވެސް އަދި ބެންގަލޫރު އެފްސީގެވެސް ކެޕްޓަން ސުނިލް ޗެތްރީއެވެ. އަސަދުﷲ ބުނީ މާޒިޔާގެ ޑިފެންސްލައިނަކީ މިހާރު ވަރަށް ވަރުގަދަ ޑިފެންސް ލައިނެއްކަމަށެވެ. ޗެތްރީ ކަމަށްވިއަސް އަދި އެހެން ކުޅުންތެރިއެއްކަމަށް ވިއަސް މާޒިޔާގެ ޑިފެންސްލައިން ބަލިކޮށް ނުލެވޭނެކަމަށް އަސަދުﷲ ބުންޏެވެ.

img:http://s1.psmnews.mv/images/660x400/14912086642348.jpg|މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - މާޒިޔާ ކޯޗް މަރިޔާން ސެކުލޮސްކީ އަދި ކެޕަޓަން އަސަދުﷲ އަބްދުﷲ (ފޮޓޯ: ޕީއެސްއެމް)

"މާޒިޔާގެ ޑިފެންސަލައިން މިހާރު ވަރަށް ވަރުގަދަވާނެ. ސަމުއްޓޭ، އެންޑީ އަދި ބޭރުގެ ޑިފެންޑަރާއެކު ޓީމް އޮތީ ވަރަށް ވަރުގަދަކޮށް. ޗެތްރީއަށްވެސް ޑިފެސްލައިން ފޫއަޅުވާލަން ވަރަށް އުނދަގޫވާނެ. މިހާރު މާޒިޔާއަކީ ވަރަށް ބޮޑަށް އެކުލަވާފައިވާ ޓީމެއް. މާޒިޔާގެ ހުރިހާ ޑިޕާޓްމަންޓެއްވެސް ވަރަށް ވަރުގަދަވާނެ. އެޓީމަށްވެސް މާދަމާގެ މެޗް ފަސޭހައެއް ނުވާނެ. އަހަރެމެންނަށްވެސް މާދަމާގެ މެޗް ފަސޭހައެއް ނުވާނެ. ހުރިހާ ކުޅުންތެރިންވެސް ތިބީ 100 ޕަސެންޓް ދޭން ތައްޔާރަށް." އަސަދުﷲ ބުންޏެވެ.

އެއެފްސީ ކަޕްގައި މާޒިޔާއާއި ބެންގަލޫރު އެފްސީވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. ދެ ޓީމަށްވެސް 3 ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ އެއްވަނަ މާޒިޔާއަށް ލިބެނީ ގޯލްގެ ތަފާތުންނެވެ. މާދަމާ ހަވީރު އޭއެފްސީ ކަޕްގައި މާޒިޔާއާއި ބެންގަލޫރު އެފްސީ ވާދަކުރާ މެޗު ޓީވީއެމްއިންނާއި ޔެސް ޓީވީއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.