ރާއްޖޭގައި ޤާއިމުކުރާ މަލްޓި ސްޕެޝަލިޓީ ފުރަތަމަ ހޮސްޕިޓަލްކަމުގައިވާ "ޓްރީޓޮޕް" ހޮސްޕިޓަލްގެ މަސައްކަތް ހިނގަމުންދާ ގޮތް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ބައްލަވާލައްވައިފިއެވެ.
ސަރަހައްދީ ޤައުމުތަކުގެ ހޮސްޕިޓަލްތަކަށްވުރެއްވެސް ފެންވަރު ރަނގަޅު ޚިދުމަތްތަކާއި ވަސީލަތްތަކާއެކު ހުޅުމާލޭގައި ޤާއިމްކުރައްވާ މި ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއްނިމި އަންނަ އޮގަސްޓްމަހުގެތެރޭގައި ޚިދުމަތްދެއްވަން ތައްޔާރުވަމުންދާކަމަށް ޓްރީޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ވިދާޅުވެއެވެ.
img:http://s4.psmnews.mv/images/660x400/14911440835175.jpg|ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ބައްލަވާލެއްވުމަށް ހެލްތް މިނިސްޓަރ ކުރެއްވި ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
އަމިއްލަ ކުންފުންޏެއްކަމުގައިވާ ޓްރީޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އިމާރާތްކުރައްވަމުން ގެންދަވާ ޓްރީޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާގޮތާއި، އެހޮސްޕިޓަލުގައި ގާއިމްކުރައްވާ ޒަމާނީ ވަސީލަތްތަކާއި، ހޮސްޕިޓަލުގެ ޚާއްސަކަން ކަންކަން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވަނީ ބައްލަވާލައްވާފައެވެ.
ހުޅުމާލޭގައި އަލަށް ޢިމާރާތްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ޤާއިމުކުރާ މަލްޓި ސްޕެޝަލިސްޓް ފުރަތަމަ ހޮސްޕިޓަލެވެ. ޓާރޝަރީ ފެންވަރުގައި ތަރައްޤީކުރާ 159 އެނދުގެ މި ހޮސްޕިޓަލް އިމާރާތް ކުރުމަށް ގާތްގަނޑަކަށް 80 މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުވާނެ ކަމަށް ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑުން ހާމަކުރެއެވެ.
img:http://s2.psmnews.mv/images/660x400/14911441039552.jpg|ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ބައްލަވާލެއްވުމަށް ހެލްތް މިނިސްޓަރ ކުރެއްވި ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
ސަޕޯޓް ބިލްޑިންގއަކާއެކު ޢިމާރާތްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓްރަކްޗަރ އެތުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ޚާއްޞަކޮށްގެން ހަދާ 6 ބުރީގެ ޢިމާރާތާއި، ސަޕޯޓް ބިލްޑިންގގެ ގޮތުގައި އެކޮމަޑޭޝަންގެ އިންތިޒާމްތަކަށް ޚާއްޞަކޮށްގެން ހަދާ 8 ބުރީގެ ޢިމާރާތުގައިވެސް ކުރަންޖެހޭ ހުރިހާ ކޮންކްރީޓް މަސައްކަތްތައް ވަނީ ނިންމާލާފައެވެ. މި ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ތުރުކީވިލާތުގެ ކުންފުންޏެއް ކަމަށްވާ، "ޓާރމެކްސް"އިންނެވެ.