އިންތިޚާބުވެފައިވާ ސަރުކާރެއް ވައްޓާލުމަށްޓަކައި، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެމް.ޑީ.ޕީއާއެކު މަސައްކަތް ކުރެއްވުމަށް އެއްބަސްވުމަކީ، ރައީސް މައުމޫނަށް އެންމެ ބޭނުންފުޅުވި ވަގުތު އެމަނިކުފާނަށްޓަކައި ޤުރުބާންވި މީހުންގެ އިޙުސާސްތަކަށް އިޙްތިރާމް ނުކުރައްވާކަން ހާމަވެގެންދިޔަ ކަމެއްކަމަށް އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިހެން ވިދާޅުވެފައިވަނީ ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައެވެ. ރައީސް މައުމޫން އުފެއްދެވި ދެ ޕާޓީގައިވެސް އިސްމަޤާމުތަކެއް ފުރުއްވާފައިވާ ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަނައިބު އާޒިމާ ޝަކޫރު ވަނީ، ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމުމަށްފަހު، ދެންއައި ރައީސް މުޙައްމަދު ނަޝީދު ވެރިކަމުގެ ދުވަސްވަރު ރައީސް މައުމޫނާއި އެމަނިކުފާނުގެ ޢާއިލާއަށް ކުރިމަތި ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ދުވަސްވަރު ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތުހުމަތު ރައީސް މައުމޫންގެ މައްޗަށްކޮށް، ފުލުހުންގެ އިދާރާއަށް ހާޟިރު ކުރުމާއި، އެމަނިކުފާނަށް ދެއްވަންޖެހޭ ސެކިއުރިޓީ ކަނޑާލައި، އެތައް ގޮތަކުން ރައީސް މައުމޫނާއި އެމަނިކުފާނުގެ ޢާއިލާއާއި އެމަނިކުފާނަށް ތާޢީދުކުރާ މީހުން ނިކަމެތި ކޮށްލުމުގެ ޢަމަލުތަކެއް އޭރުގެ ސަރުކާރުން ޢަމަލުތަކުގެ ސަބަބުން މެދުވެރިވެފައިވާކަމަށް ރައީސް މައުމޫނަށް ތާޢީދުކުރާ މީހުން ބުނާ ވާހަކައަށް އާޒިމާ އިޝާރާތްކުރައްވާފައިވެއެވެ.
އެގޮތުން ރައީސް މައުމޫނަށް އެންމެ ދަތިފުޅުވި ދުވަސްވަރު އެމަނިކުފާނަށް ޙިމާޔަތް ދެއްވުމުގައި އިސްކޮށް ތިއްބެވި ރައީސް ޢަބްދުﷲ ޔާމީނާއި، މިއަދު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެންބަރުންކަން އާޒިމާ ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫން މިއަދު ވަނީ އިދިކޮޅު އެމް.ޑީ.ޕީ ހިމެނޭގޮތުން ސަރުކާރާ އިދިކޮޅު ހަރަކާތްތައް ހިންގުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ.
އެމަނިކުފާނުގެ މި ނިންމުމާ ގުޅިގެން ޕީޕީއެމްއަށް ތާޢީދުކުރާ ގިނަބައެއްގެ ފާޑުކިއުންވަނީ އަމާޒުވެފައެވެ. މިހާތަނަށް ރައީސް މައުމޫންގެ ސިޔާސީ އެންމެ ބޮޑު ހަތުރު ކަމަށްވީ، ރައީސް ނަޝީދާ ގުޅިވަޑައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގަތުން ވެގެންދިޔައީ ގިނަ ބަޔަކަށް ސިހުން ގެނުވިކަމަކަށެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެންމެ ދިގުކޮށް ޝުޢޫރު ފާޅުކުރައްވާފައިވާ އެއްބޭފުޅަކީ ރައީސް މައުމޫންގެ ސަރުކާރުގެ ބަންޑާރަ ނައިބުކަން ކުރައްވާފައިވާ، އަދި އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އައުމަށް ފަހުގައިވެސް އެމަނިކުފާނާއެކުގައި ގިނަދުވަސްތަކެއް ވަންދެން ހުންނެވި އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރުއެވެ. އެކަމަނާގެ ފޭސްބުކްގައި ލިޔުއްވާފައިވާނީ، ރައީސް މައުމޫން މިފަދަ ސިޔާސީ ގޮތުން ދެކޮޅުނުޖެހޭ ނިންމެވުމެއް ނިންމަވާތަން ފެނިވަޑައިގެންފާނެކަމަކަށް ހީފުޅުވެސް ނުކުރައްވާކަމަށެވެ.
img:http://s3.psmnews.mv/images/660x400/14905422416992.jpg|ރައީސް ނަޝީދު އާއި ރައީސް މައުމޫން / ދެ ބޭފުޅުން މިހާރު މަސައްކަތްކުރައްވަނީ ގުޅިގެން
އައު ޤާނޫނުއަސާސީ ވުޖޫދަށް ގެންނެވުމަށް ކުރެއްވި މަސައްކަތްތަކާއި، އެދުވަސްވަރު ހިނގި ސިޔާސީ ހަމަނުޖެހުންތަކާ ގުޅޭ ވާހަކަތައް ޙިއްޞާ ކުރައްވަމުން އާޒިމާ ވިދާޅުވެފައިވަނީ، ރައީސް މައުމޫންގެ ވެރިކަމުގައިއާއި، ވެރިކަން ނިމުމަކަށް އައުމަށްފަހު ސިޔާސީ ގޮތުން އެމަނިކުފާނަށް ކުރިމަތިވި ދަތިތަކާއި، އެމަނިކުފާނަށް އަމާޒުވި ޙަމަލާތައް އަދިވެސް ހަނދުމަފުޅު އެބަހުރިކަމަށެވެ.
ސިޔާސީ ގޮތުން ބަޔަކު ދީފާނެ ހަމަލާއަކަށް ނުބަލައި، އަމިއްލަ ޢާއިލާއާއި، ނަފްސު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލުމަށްފަހު ދެގޮތެއްނުވެ ރައީސް މައުމޫންގެ ދިފާޢުގައި ސާބިތުކަމާއެކު ތިއްބެވި އެތައް ބޭފުޅުންނެއްގެ ވާހަކަ އާޒިމާ ފާހަގަކުރައްވާފައިވެއެވެ. އަދި ރައީސް މައުމޫންގެ ވެރިކަމާ ދެކޮޅަށް ހިންގި މުޒާހަރާތަކުގައި އެމަނިކުފާނުގެ ސަރުކާރުގެ ދިފާޢުގައި ސިފައިންނާއި ފުލުހުން ކުރެއްވި މަސައްކަތްތައްވެސް އެކަމަނާ ފާހަގަކުރައްވާފައިވެއެވެ.
ވެރިކަން ނިމުމަކަށް އައުމަށްފަހު ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫނު ފުލުހުންގެ އިދާރާއަށް ހާޟިރުކުރަން އުޅުމުން އެމަނިކުފާނުގެ ކާރުކޮޅު ފަހަތުން ދުވެ އަމިއްލަ ފުރާނަ ނުރައްލުގެ ތެރެއަށް ވައްޓާލި މީހުން އަދިވެސް އެބަތިބިކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް އެކަންކަން ހަނދުމަފުޅު ނައްތާލައްވައި، ރައީސް މައުމޫނާ ކުރިމަތިކުރުވި ހުރިހާ ސިޔާސީ ގޮންޖެހުމެއްގެ އަޑީގަތި ތިބި އިދިކޮޅު އެމް.ޑީ.ޕީއާ ގުޅިގެން މިއަދުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ރައީސް މައުމޫން ނިންމެވި ނިންމެވުމަކީ، ރައީސް މައުމޫން ދެކެ ލޯބިފުޅުވި އެމަނިކުފާނަށްޓަކައި ޤުރުބާންވި މިފަދަ އެތައް ބައެއްގެ އިޙްސާސްތަކަށް އިޙްތިރާމް ނުކުރުން ކަމަށް އާޒިމާ އެކަމަނާގެ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ. އަދި ރައީސް މައުމޫނުގެ ޤާނޫނީ ވެރިކަން ނެގެހެއްޓުމަށްޓަކައި ނޮވެމްބަރު 3ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެގެންދިޔަ 19 ޝަހީދުންގެ ގައިން އޮހޮރިގެންދިޔަ ލޭގެ އަގަކީ މިއީތޯ އެކަމަނާ ސުވާލުކުރައްވާފައިވެއެވެ.
މީގެ އިތުރުންވެސް އާޒިމާ ވިދާޅުވެފައިވަނީ ރައީސް ޔާމީނު ވެރިކަމަށް އިންތިޚާބު ކުރެއްވުމުގައި ރައީސް މައުމޫން މުހިންމު ދައުރެއް އަދާކުރައްވާފައިވުމަކީ ރައީސް މައުމޫން އެދޭހާގޮތަކަށް ރައީސް ޔާމީންގެ ނިންމެވުންތައް ބައްޓަން ކުރަންވީ ސަބަބެއްކަމުގައި ދެކެވަޑައި ނުގަންނަވާކަމަށް އާޒިމާ ލިޔުއްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޙައިޞިއްޔަތުން ނިންމަވަންޖެހޭ ނިންމެވުންތައް ނިންމަވާނީ ރައްޔިތުން އިންތިޚާބުކުރި ލީޑަރު ކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ.
ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރާ ދެކޮޅަށް ރައީސް މައުމޫން، ނިކުމެވަޑައިގަތުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް އެކަމަނާ ލިޔުއްވާފައިވެއެވެ. އަދި ދައުރު ނިމުމުގެ ކުރިން ސަރުކާރެއް ބަދަލުވެގެން ދިއުމުން ރައްޔިތުންނަށް ލިބިގެންދިޔަ ނިކަމެތިކަމާއި، ޤައުމުގައި އުފެދިގެންދިޔަ ހަލަބޮލިކަމާއި، ބައިބައިވުންތައް ހަނދާނުގައި އެބަހުރިކަމަށް ވެސް އެކަމަނާ ލިޔުއްވާފައިވެއެވެ. ދެން އެފަދަ ކަމަކަށް މިޤައުމުގައި ފުރުޞަތު ނޯންނާނެކަމަށް އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު އެކަމަނާގެ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.
އަދި މިހާރު ރައީސް މައުމޫން ބައިވެރިވެވަޑައިގެން ކުރަމުންދާ މަސައްކަތުން ރާއްޖޭގެ ޤާނޫނީ ވެރިކަމަށް ލޮޅުންއަރައިފިނަމަ އެކަމުގެ ހިތި އެންމެ ފުރަތަމަ ލިބިގެންދާނީ ރައީސް މައުމޫނާއި ޤާސިމް އިބްރާހީމަށްކަމަށްވެސް އެކަމަނާ ވިދާޅުވެފައިވެއެވެ.
މިއީ އަމިއްލަ އެދުމުން ފުރިގެންވާ ސިޔާސީ ޙަރަކާތްތަކުން އެއްފަރާތްވެ ޤައުމީ މަސްލަހަތައް މަސައްކަތް ކުރަންވީ ވަގުތުކަމަށާއި، ސިޔާސީ ކޯޅުންތަކުން އެއްކިބާވެ ރައްޔިތުންނަށް ފައިދާކުރަނިވި ކަންތައްތަކުގައި މަސްޢޫލުވާންވީ ވަގުތުކަމަށް އާޒިމާ ލިޔުއްވާފައިވެއެވެ.