މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙު މުޙަންމަދުގެ އިތުބާރު ނެތްކަމުގެ ވޯޓާގުޅޭގޮތުން ލީކުވެފައިވާ އޯޑިއޯއާމެދު ކަންބޮޑުވުމެއް ނެތްކަމަށާ، އެވޯޓުގައި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ފާސް ނުވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަޙުމަދު ނިހާން ޙުސައިންމަނިކު ވިދާޅުވެއްޖެއެވެ.
ރޭ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު ނިހާން ޙުސައިންމަނިކު ވިދާޅުވީ އޯޑިއޯއެއް ލީކުވުމަކީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ މެމްބަރުންގެ ކަންބޮޑުވާކަމެއްނޫންކަމަށާ، މިމައްސަލައަކީ އެއަށްވުރެ މާސާފުކަމެއްކަމަށެވެ.
މަސީހުގެ ވޯޓާގުޅޭގޮތުން މެމްބަރު ނިހާނުކަމަށް ތުހުމަތުކުރެވޭ މީހަކު ދައްކަވާފައިވާ ފާހަކަތަކެއް މިދިޔަ ހަފްތާގައި ވަނީ ލީކުވެފައެވެ. އޯޑިއޯގައި ދައްކާފައިވާ ވާހަކަތައް ބައެއް މީޑިއާތަކުން ހާމަކޮށްފައިވެއެވެ. މި އޯޑިއޯގައި ނިހާނުކަމަށް ބެލެވޭ ބޭފުޅާ، މަޖިލީހުގެ ރައީސް މަސީޙުގެ އިތުބާރުނެތްކަމަށް ފާސްކުރަން ފެނިވަޑައިގަންނަވާ މޭރުމަކުން ވާހަކަފުޅުދައްކަވާފައިކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
މިކަމަށް ރައްދު ދެއްވަމުން ރޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ނިހާނު ވިދާޅުވެފައިވަނީ ސަމާސާއަކަށް، ނުވަތަ ސީރިއަސްކޮށް ވިޔަސް ދައްކާ ވާހަކައެއްގެ ބައެއް އުނިކޮށް އެޑިޓްކޮށްފިނަމަ އޭގެ މުޅި މާނަގެއްލި އެހެން މާނައެއް ދޭހަވުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އެހެންކަމުން، މިކަމަށް މާބޮޑަށް ރައްދެއްވަން ބޭނުންފުޅުވެސް ނުވާކަމަށެވެ.
ރޭ ނިހާން ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށްބުނެ ނަގަންއުޅޭ ވޯޓު ކާމިޔާބު ވާނީ ސަރުކާރަށްކަމަށެވެ. އެވޯޓު ފާސްވިޔަނުދީ ފެއިލްކޮށްލަން ސަރުކާރާ އެއްކޮޅަށް މަޖިލީހުގެ އިދިކޮޅު ޕާޓީތަކުގެ ބައެއް މެމްބަރުންވެސް ވޯޓު ދެއްވާނެކަމަށް ނިހާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ދެ ގަޑިރަށް ކުރިޔަށް ގެންދެވުމަށް މަޖިލީހުގެ ޢާއްމުކޮމެޓީން ވަނީ ނިންމަވާފައެވެ. އަދި މަޖިލީހުގެ ރައީސްއާ ދެކޮޅަށް ހުށަހަޅުއްވާފައިވާ މައްސަލާއިގެ ދިފާޢުގައި ޖަވާބްދާރީވުމަށް 30 މިނެޓް މަސީހަށް އެރުވުމަށްވެސް އެ ކޮމެޓީން ވަނީ ނިންމަވާފައެވެ. އަންނަ ހޯމަ ދުވަހު އޮންނަ މި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސެވެ.
އަށާރަވަން ރައްޔިތުން މަޖިލީހުގެ ރައީސްގެ މަޤާމުގައި މިވަގުތު ހުންނެވި ޢަބްދުﷲ މަސީހަކީ މިވަގުތު މަޖިލީހުގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް މެމްބަރެވެ. ރައްޔިތުން މަޖިލީހުގައި ފުވައްމުލަކު ދެކުނު ދާއިރާ ތަމްސީލްކުރައްވާ މަޞީހު މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތީ 28 މެއި 2014 ގައި ބޭއްވެވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް އިންތިޚާބުކުރުމަށް މެންބަރުންގެ މެދުގައި ނެގި ވޯޓުގައި 43 ވޯޓުގެ އަޣުލަބިއްޔަތު ހޯއްދަވައިގެންނެވެ.