ދީން

ޤުރުއާން ޓީޗަރުންނަށް ޑިގްރީ ފެންވަރު ތަމްރީނުދޭން ފަށްޓަވައިފި


ޤުރުއާން ޓީޗަރުން ލިބުން ދަތި ރަށްތަކަށް ޓީޗަރުން ޔަޤީންކުރުމަށް ޑިގްރީ ފެންވަރަށް ޓީޗަރުން ތަމްރީނު ކުރެއްވުމުގެ ޕްރޮގްރާމެއް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ފަށްޓަވައިފިއެވެ.

ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ ގުޅިވަޑައިގެން ފެށްޓެވި މި ޕްރޮގްރާމް ކުރިއަށް ގެންދަވަނީ އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުން އެމީހުންގެ ޗުއްޓީގެ ދުވަސްވަރު މާލެ ގެންނަވައިގެން ކަމަށެވެ. އިބްރާހިމް ރަޝީދު މުސާ ވިދާޅުވީ ރާއްޖޭގައި ޤުރުއާން ކިޔަވާދެއްވާ މުދަރިސުން މަދު ނޫންކަމަށެވެ. އެހެންނަމަވެސް ޤުރުއާން ޓީޗަރުން ހޯދުމުގައި ދަތިވެގެންދަނީ ޔުނިވާސިޓީތަކުން ދަސްވެނިވާ ޤުރުއާން މުދައްރިސުންގެ ތެރެއިން ގިނަ ބަޔަކު މާލޭގައި މަސައްކަތް ކުރަން ބޭނުންވުމުން ކަމަށެވެ.

ޤުރުއާން ޓީޗަރުން ތަމްރީނު ކުރެއްވުމަށް އެ މަރުކަޒުން ފެށްޓެވި ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގެ ޗުއްޓީ ދުވަސްތަކާއި ދިމާކޮށް އަތޮޅުތަކުގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މުދައްރިސުން މާލެގެންނަވާ ހިލޭ ކިޔަވައިދެއްވަމުން ގެންދަވާކަމަށްވެސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވިއެވެ. އަދި މި މި ޕްރޮގްރާމްގެ ސަބަބުން ޤުރުއާން ޓީޗަރުން ހޯދުމުގައި ދިމަވަމުންދާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވިއެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އަތޮޅުތަކުގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ މަރުކަޒުތަކުގައި ޤުރުއާން ކިޔަވައިދެއްވުމާއި ޤުރުއާން މުދައްރިސުން ތަމްރީނު ކުރެއްވުމުގެ އިތުރުންވެސް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދަވައެވެ. އެގޮތުން ޖަމާޢަތްތެރިން ނެތް ރަށްރަށުގައި ޖަމާއަތްތެރިން ތަމްރީނު ކުރެއްވުމުގެ ޚާއްސަ ޕްރޮގްރާމެއްވެސް އެ މަރުކަޒުން ގެންދަވަނީ ހިންގަވަމުންނެވެ.