ތަޢުލީމު

މާދަމާވެސް ޤުރުއާން މުބާރާތުގެ ކިޔެވުން ކުރިއަށްދާނެ


ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައްވައިގެން ބާއްވަވާ ފުރަތަމަ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި މިހާތަނަށް ފަސްދޮޅަހަށްވުރެ ގިނަ ދަރިވަރުން ކިޔަވާފައިވާ ކަމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ މި މުބާރާތަކީ ކީރިތި ޤުރުއާނުގެ ފަންނު ދިރުވައި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް ބިނާކުރެއްވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިވަޑައިގެން ސްކޫލްތަކަށް އަމާޒުކުރައްވައިގެން އެ މަރުކަޒުން ބާއްވަވާ ފުރަތަމަ ޤުރުއާން މުބާރާތް ކަމަށެވެ.

ތިން ބަޔަކަށް ބައްސަވާލައްވައިގެން ބާއްވަވާ މި މުބާރާތުގައި ޢުމުރުފުރާތައް ގިންތިކުރައްވާފައެއް ނުވާއިރު މި މުބާރާތުގައި ހިމެނެނީ ހިތުން ކިޔެވުމުގެ ބަޔާއި ބަލައިގެން ކިޔުމުގެ ބައި އަދި ޙިފްޒުކޮށް ކިޔެވުމުގެ ބައެވެ. އެގޮތުން ފުރަތަމަ ކުރިއަށް ގެންދަވަނީ ހިތުން ކިޔެވުމުގެ ބަޔާއި ބަލައިގެން ކިޔުމުގެ ބައެވެ.

ތިންސަތޭކަ ފަންސާހަށްވުރެ ގިނަ ދަރިވަރުން ވާދަކުރާ މި މުބާރާތުގެ ކިޔެވުން ކުރިއަށްދަނީ 3 ދަންފަޅިއަކަށް ބައްސަވާލައްވައިގެންނެވެ. އެއީ ހެނދުނު އަށަކުން ބާރަޔަށް، ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން ދިހަގަޑި ތިރީހަށެވެ.

މި މުބާރާތުގެ ކިޔެވުން މާދަމާ ނުބާއްވަވާ ގޮތަށް ހަމަޖައްސަވައި ސްކޫލްތަކުގެ ބޭފުޅުންނާއި ދަރުވަރުންނާއި ބެލެނިވެރިންނަށް އަންގަވާފައި އޮތްނަމަވެސް މާދަމާވެސް ކުރިން ތާވަލްކުރައްވާފައިވާ ގޮތަށް މުބާރާތް ބޭއްވެވުމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން މިހާރު ވަނީ ނިންމަވާފައެވެ. މިގޮތަށް އެ މަރުކަޒުން ނިންމެވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

މި މުބާރާތުގައި ކޮންމެ ބަޔަކުންވެސް އެންމެ މޮޅު 5 ދަރިވަރުން ހޮއްވަވާގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ކޮންމެ ބަޔަކުންވެސް އެއްވަނަ ޙާޞިލްކުރާ ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވާ ޚާއްޞަ އިނާމު ލިބޭނެކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއެވެ.