ކުޅިވަރު

އިންޓާރ ސްކޫލް ވޮލީ މުބާރާތުގެ އިނާމް ދިނުން ފަސްކޮށްފި


ހުމުގެ ރޯގާގެ ސަބަބުން މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ މައިލޯ އިންޓަރ ސްކޫލް ވޮލީ ބޯޅަ މުބާރަތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ފަސްކޮށްފިއެވެ.

 ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ނެރުނު ނޫސްބާޔާންގައި ބުނެފައިވަނީ ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ހުމުގެ ރޯމާގެ ސަބަބުން، އެއްތަނަކަށް ގިނަ ކުދިންތަކެއް ޖަމާވުމަކީ ރަނގަޅު ކަމެއްނޫންކަމަށް ހެލްތް މިނިސްޓްރީން އެދިލައްވާފައިވާކަމަށެވެ. މައިލޯ އިންޓާރ ސްކޫލް ވޮލީ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު، ސްކޫލްތަކާ މަޝްވަރާ ކުރުމަށްފަހު، ބާއްވާނެ ތާރީޙެއް ފަހުން އިޢުލާން ކުރެވިގެންދާނެކަމަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލުމާތުދިނެވެ.

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ އިނާމް ދިނުމުގެ ރަސްމިއްޔާތު ފަސްކުރި ނަމަވެސް މިއަދު ކުޅުމަށް ހަމަޖެހިފައިވާ އިންޓާރ ސްކޫލް 16 އަހަރުންދަށް ފިރިހެން ފައިނަލާއި 19 އަހަރުންދަށުގެ ފިރިހެން ފައިނަލް މެޗްތަށް ކުރިންވެސް ތާވަލް ކުރެވިފައިވާގޮތަށް މިއަދު ކުރިއަށްދާނެކަމަށެވެ. އިންޓާރ ސްކޫލް 16 އަހަރުންދަށް ފިރިހެން ފައިނަލް މެޗްގައި ވާދަކުރާނީ ގޮއިދޫ ސްކޫލްއާއި މާފުށި ސްކޫލްއެވެ. 19 އަހަރުން ދަށުގެ ފައިނަލް މެޗްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ފ އަތޮޅު ސްކޫލްއާއި ވިލާ އިންޓާރނޭޝަނަލް ހައި ސްކޫލްއެވެ. އަދި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މައިލޯ އިންޓާރ ކޮލެޖް އަންހެން އަދި ފިރިހެން ފައިނަލް މެޗްތަކުގެ ކުޅުން ކުރިއަށްދާނެކަމަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލުމާތުދިނެވެ.

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ނެރުނު ނޫސްބަޔާންގައި އިތުރަށް ބުނެފައިވަނީ ސްކޫލްތަކުންނާއި ކޮލެޖްތަކުން އެސޯސިއޭޝަންއަށް ދެމުންގެންދާ އެއްބާރުލުމަށް ޝުކުރުއަދާ ކުރާކަމަށާއި އިނާމް ދިނުން ފަސްކުމާ ގުޅިގެން ސްކޫލްތަކާއި ބެލެނިވެރިންނާއި އަދި ހާއްސަކޮށް ދަރިވަރުންނަށް ދިމާވާނެ ދަތިތަކަށް އެސޯސިއޭޝަންއިން މަޢާފަށް އެދޭކަމަށެވެ.