މުނިފޫހިފިލުވުން

ގާލާ ރައުންޑަށް ހޮވޭ ގަދަ 12 ބައިވެރިން މިރޭ ޔަގީންވާނެ


މޯލްޑިވިއަން އައިޑަލް ސީޒަންދޭއްގެ ގާލާ ރައުންޑަށް ހޮވޭ ގަދަ ބާރަ ބައިވެރިން މިރޭ ޔަގީންވާނެއެވެ. ރޭ އޮތް ޕިޔާނޯ ރައުންޑްގެ ދެވަނަ ޝޯގެ އެލިމިނޭޝަން މިރޭ ދިހަގަޑި ބައިގައި ޓީވީއެމުން ދައްކާނެއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގާލާ ރައުންޑަށް ދަތުރުކުރި ފުރަތަމަ 6 ބައިވެރިން އިޢުލާންކޮށްފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރުދުވަހުގެ ރޭގައި އޮތް ޕިއާނޯ ރައުންޑުގެ ފުރަތަމަ އެލިމިނޭޝަން ޝޯގައެވެ. އެޝޯއިން ގާލާ ރައުންޑަށް ދަތުރުކޮށްފައިވަނީ ޝަމްވީލް މުޙައްމަދު، ޢިބްރާހީމް ވަޙީދު، މުޙައްމަދު ތަސްނީމް، މުޙައްމަދު ހަމްދާން، މުހައްމަދު ރީހާން، ޝަޒާ ޢަބްދު ﷲ ރަޝީދެވެ. ގާލާ ރައުންޑަށް ދަތުރުކުރާނެ އަނެއް 6 ބައިވެރިން ޔަގީންވާނީ މިރޭގެ އެލިމިނޭޝަން ޝޯއަށްފަހުއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ޕިއާނޯ ރައުންޑުގައި ރޭ ލަވަ ހުށައަޅައިދިން 8 ބައިވެރިންގެ ތެރެއިން ދެބައިވެރިއަކު މިރޭ ޝޯއާއި އަލްވަދާއު ކިޔާނެއެވެ. ޕިޔާނޯ ރައުންޑްގެ ދެވަނަ ޝޯވ ރޭ ޓީ.ވީ.އެމުން ދައްކާފައިވާއިރު، ރޭގެ ޝޯވގައި ގަދަ 16 އަށް ދަތުރުކުރި ބައިވެރިންގެ ތެރެއިން މިދިޔަ ހަފްތާގައި ނުފެންނަ 8 ބައިވެރިންގެ ހުށައެޅުން ވަނީ ފެނިގެންގޮސްފައެވެ. މި 8 ބައިވެރިންނަކީ، އަޙްމަދު ނަބީލް މުޙައްމަދު، ޙަމޫދު އަޙްމަދު، ޙަސަން އިރުފާން، އަޙްމަދު ފަރާޝް، އައިޝަތު ޖައިޝާ ވަޙީދު، އަޙްމަދު ނާއިޝް، ޢަބްދު ﷲ ހިޝާން އަދި ޙުސެއިން ސަމާޙްއެވެ.

މި 8 ބައިވެރިންގެ ތެރެއިން ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓާއެކު، އެންމެ ގިނަ ޕޮއިންޓު ލިބޭ ބައިވެރިން ހިމެނޭހެން މީގެ ތެރެއިން ގާލާ ރައުންޑަށް ދަތުރުކުރާ ބައިވެރިން އިޢުލާން ކުރުން އޮންނާނީ މިރޭ ބާއްވާ އެލިމިނޭޝަން ނައިޓު ޝޯވގައެވެ. އެލިމިނޭޝަން ޝޯވގެ ނަތީޖާ އިޢުލާންކުރުން ޓީ.ވީ.އެމުން ލައިވްކޮށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ އޮންނަ އެލިމިނޭޝަން ނައިޓުގެ ޝޯވއާއެކު ގާލާ ރައުންޑަށް ދަތުރުކުރާ ގަދަ 12 ބައިވެރިން ޔަޤީންވެގެންދާނެއެވެ.