ޚަބަރު

ތިލަފުށިން 60 ބިދޭސީއަކު ހައްޔަރުކޮށްފި


ކ. ތިލަފުށީގައި ގަވާއިދާ ޚިލާފަށް އުޅުނު 60 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ސަތޭކައަށްވުރެ ގިނަ ބިދޭސީން ބަލާ ފާސްކޮށްފައިވާކަމަށް އިމިގްރޭޝަން ވިދާޅުވެއެވެ. ތިލަފުށިން ހައްޔަރުކުރި ފަސްދޮޅަސް ބިދޭސީންނަކީ ތިލަފުށީގައި ތަފާތު އެކި އަމިއްލަ މަސައްކަތްތައް ކުރަމުން ދިޔަ ބައެކެވެ. 

މިމީހުންގެ ތެރެއިން ގިނަ މީހުން މަސައްކަތްކުރަމުންދިޔައީ ތިލަފުށީގެ ބޯޓް ޔާޑް ސަރަހައްދުގައެވެ. އިމިގްރޭޝަނުން ދަނީ ފުލުހުންނާ ގުޅިގެން މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންނެވެ. މިފަދަ އޮޕަރޭޝަންތަކަށް އާންމުންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް ފުލުހުންނާ އިމިގްރޭޝަނުން ވިދާޅުވެއެވެ.