ވިޔަފާރި

މާލީ މުޢާމަލާތްތައް ކުރާއިރު ރައްކާތެރިވުން މުހިއްމު


މާލީ ގޮތުން އެއްވެސް މީހަކާ މުޢާމަލާތެއް ކުރާނަމަ އެފަދަ މީހެއްގެ ޙަޤީޤަތް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ރާއްޖޭގެ ވެރިރަށް، މާލޭގައި ދިރިއުޅޭ މީހުންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އަންނަނީ އިތުރުވަމުންނެވެ. މިއާއެކު ތޮއްޖެހިފައިވާ މާލޭގައި ކުށްކުރާ އަދަދުވެސް ދަނީ އިތުރުވެ ކުށުގެ ތަފާތު ބާވަތްތައް އިތުރުވަމުންނެވެ. 

މީގެ އަހަރުތަކެއް ކުރިން ބޮޑެތި ކުށްތަކެއް ފެންމަތިވެ، އެ ކުށްކުރި މީހުންނަށް އަދަބުދިނުމުގެ މަރުޙަލާތައް ހިނގަމުން އަންނައިރު، ފަހަކަށް އައިސް އަނެއްކާވެސް މިވަނީ ކުށުގެ ތަފާތު "ޓްރެންޑެއް" ޢާންމުވެފައެވެ. ޢާންމު ރައްޔިތުންނަށް އޮޅުވާލައިގެން، އެކި ނަންނަމުގައި ހިންގަމުން އަންނަ ތަފާތު އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ފައިސާ ހޯދާ މިންވަރު ވަނީ އިންތިހާއަށް އިތުރުވާން ފަށާފައިއެވެ. އެގޮތުން ބޮޑެތި ބައެއް ކުންފުނިތަކުގެ ނަމުގައި ޢާންމުންނާ ގުޅައި ތަފާތު އެކިގޮތްގޮތަށް ފައިސާ ހޯދުމަށް މަސައްކަތްކުރާ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައިއެވެ. މިކަންކަމަށް ޚާއްޞަ ސަމާލުކަމެއްދީ، ފައިސާގެ މުޢާމަލާތްތައް ހިންގާއިރު ބަލަންޖެހޭ މިންވަރަށް ބެލުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައިއެވެ. 

މިކަންކަން މިހެން އޮއްވައި ޢާންމުގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މާލޭގެ ގޭގެއާއި އެޕާޓްމެންޓްތަކުގެ ކުލިނެގުމުގައި މިހާރު މިވަނީ އެކި މައްސަލަތައް ފެންމަތިވާންފަށާފައެވެ. އެޕާޓްމަންޓް ކުއްޔަށް ދޭނެކަމަށް ބުނެ، މަކަރާއި ޙީލަތުން ބޮޑެތި ޢަދަދުތަކުން އެޑްވާންސަށް ފައިސާ އަތުލުމަށްފަހު އެޕާޓްމަންޓް ޙަވާލުނުކޮށް ފިލާ މައްސަލަތައް ފާހަގަކުރެވިފައިވާތީ އެފަދަ މީހުން ހިންގާ މިޖަރީމާއަށް ރައްޔިތުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/14878647274036.jpg|

މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވާ މިފަދަ މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު 2014 ވަނަ އަހަރު މިފަދަ 3 މައްސަލަ، 2015 ވަނަ އަހަރު 15 މައްސަލަ އަދި 2016 ވަނަ އަހަރު 23 މައްސަލަ ހުށަހެޅި ފުލުހުން ތަޙްޤީޤްކުރައްވާފައިވެއެވެ. ކުއްޔަށް ދޭން އުޅޭ އެޕާޓްމަންޓްގައި މީހުން ދިރިއުޅޭނަމަ އެތަނުގައި ދިރިއުޅޭ މީހުންނަށް ތަން ކުއްޔަށް ދީފައި ހުރި މުއްދަތަކީ ކޮބައިތޯއާއި ޞައްޙަ އެގްރީމެންޓެއް ހެދިފައި އޮތްތޯ، އެންމެ ކުޑަމިނުން ބަލަން ޖެހެއެވެ. 

ވަކިން ޚާއްޞަ ގޮތެއްގައި މީސްމީހުންނާއެކު މާލީ ކަންކަން ހިމެނޭ އެއްބަސްވުންތައް އެކަށައަޅާއިރު ފުރަތަމަ މަރުޙަލާގައިވެސް ވަކީލުންގެ އެހީތެރިކަން ހޯދުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފުލުހުން ފާހަގަކުރައްވައެވެ. އަދި ފައިސާގެ އެއްވެސް މުޢާމަލާތެއް ހިންގުމުގެ ކުރިން، ޤާނޫނީ މަރުޙަލާތަކުގައި ބަރުދަންހުރި ލިޔެކިޔުންތައް ފުރިހަމަކުރުމަކީވެސް ކޮންމެހެން މުހިއްމުކަމެއްގެ ގޮތުގައި ފުލުހުން ފާހަގަކުރައްވައެވެ.