ޚަބަރު

"ފިޔަވަތި" ގައި ދިރިއުޅޭ ކުދިންނަށް ދެކުންފުންޏަކުން އެހީވަނީ


ދައުލަތުގެ ބެލުމުގެ ދަށުގައި "ފިޔަވަތި" މަރުކަޒުގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވުމަށް، ދެ ކުންފުންޏަކުން ޖެންޑަރ މިނިސްޓްރީއާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

ޖެންޑަރ މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި މިއެއްބަސްވުންތަކުގައި ސޮއިކުރެއްވި ދެކުންންފުންޏަކީ އެސް.ޓީ.އޯއާއި އުރީދޫ މޯލްޑިވްސްއިންނެވެ. މި އެއްބަސްވުމުގައިވާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ހުނަރު ތަރައްޤީކޮށް، އެކުދިންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދަވައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި މި ދެ ކުންފުނިން އެހީވާންޖެހެއެވެ. މިއެއްބަސްވުމުގެ ދަށުން، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސް.ޓީ.އޯއިން ފިޔަވައްޗަށް، އެއް އަހަރު ދުވަހުގެ މުއްދަތަކަށް ދެ ޓީޗަރުން ހަމަޖައްސައިދޭނެއެވެ. އަދި އުރީދޫން އެއްއަހަރުގެ މުއްދަތަކަށް ދެ އެހީތެރިން ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފައެވެ. img:http://s1.psmnews.mv/images/660x400/14877806884350.jpg|ޖެންޑަރ މިނިސްޓްރީއާއި އެސްޓީއޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ: ޕީއެސްއެމް

ދައުލަތުގެ ބެލުމުގެ ދަށުގައި 9 އަހަރުން ދަށުގެ 85 ކުއްޖަކު ފިޔަވަތީގައި ދިރިއުޅެއެވެ. މި ކުދިން ބެލެއްހެއްޓުމާއި، ކިޔަވައިދިނުމާއި ޒަރޫރީ އެހެނިހެން ކަންކަން ކޮށްދިނުމަށް 72 މުވައްޒަފުން މިހާރުވެސް އެތަނުގައި ޙަރަކާތްތެރިވެއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަށް ކުދިންނަށް އެކި ދާއިރާތަކުން އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެހެންކަމުން، މި ކުދިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ޕާޓްނަރޝިޕް އުޞޫލުން ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކުންފުނިތަކާއި ގުޅިގެން ތަފާތު އެކި ޙަރަކާތްތައް ކުރިޔަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި އެމިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޠާއު ﷲ އަޙްމަދު ރަޝީދެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ މުޞްލިޙް މަޞީޙު އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ހެޑްއޮފް ސޭލްސް ޙުސައިން ނިޔާޒެވެ.