ސިޔާސީ

އިލެކްޝަނާ ދެކޮޅަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ފަށައިފި


ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ކުރިން ހުށައެޅި ފޯމްތައް ބާޠިލު ކުރައްވާފައިވާތީ އެ ކޮމިޝަނާއި ދެކޮޅަށް އެމްޑީޕީން ހުށައެޅި މައްސަލަ ހައިކޯޓުން ނުބެއްލެވޭނެ ކަމަށް ވިދާޅުވެ ދައުލަތުން އިޖްރާއީ ނުކުތާއެއް ނަންގަވައިފިއެވެ.

އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ދަޢުވާކުރި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ހައިކޯޓްގައި ފަށްޓަވާފައެވެ. މި މައްސަލާގައި މިއަދު ބޭއްވެވި ފުރަތަމަ އަޑުއެހުމުގައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އިންތިޚާބާބެހޭ އެއްވެސް ޝަކުވާއެއް ހައިކޯޓަށް ހުށައެޅޭނީ އެ މައްސަލައަކާއި ގުޅިގެން ކޮމިޝަނުން ނިންމަވާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީން ދަޢުވާކުރާ މައްސަލަ އެ ޕާޓީން ކޮމިޝަނަށް ހުށައަޅާފައި ނުވާ ކަމަށާއި މި މައްސަލަ ހައިކޯޓްގައި ބެއްލެވުމުގެ އިޙްތިސާސް ލިބިވަޑައިގެން ނުވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ނެންގެވި އިޖްރާއީ ނުކުތާއަށް ޖަވާބްދާރީވެވަޑައިގަތުމަށް އެމްޑީޕީގެ ވަކީލް ފުރުޞަތަކަށް އެދިވަޑައިގެންފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ކުރިން ހުށައެޅި ފޯމްތައް ބާޠިލު ކުރެއްވުމަށް ނިންމެވި ނިންމެވުމަށް ޢަމަލުކުރުން ފަސްކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެމްޑީޕީން އެދިފައިވެއެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ވަގުތީ އަމުރާމެދު ގޮތެއް ނިންމަވާނީ މި މައްސަލަ އެކޯޓުން ބެލުމުގެ އިޙްތިސާސް ލިބިގެންވޭތޯ ބެއްލެވުމަށް ފަހުގައި ކަމަށެވެ.