ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާއިރު، އެފަދަ ބަލިތަކާމެދު ޢާންމުން ޙޭލުންތެރިކުރުވުމަށް ޤައުމީ ފެންވަރެއްގައި ޚާއްސަ ޙަރަކާތްތަކެއް މިއަހަރު ހިންގެވުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިފަދަ ބަލިތަކަށް ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތަށް ދުވަހުން ދުވަހަކަށް އިތުރުވަމުންދާކަމަށް ހެލް މިނިސްޓްރީގެ ތާފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ކެންސަރު ބައްޔާއި، ހަކުރު ބައްޔާއި، ލޭ މައްޗަށް ދިއުމާއި، ކިޑްނީ ބަލިތަށް ފަދަ ބަލިތަށް ހިމެނެއެވެ. މިފަދަ ބަލިތައް ޖެހުމަށް މަގުފަހިވަނީ، ދިރިއުޅުމުގެ އާދަކާދަތަކާއި، ކެއިން ބުއިމުގެ އާދަށް ހުންނަ ގޮތުންކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ބަލިޖެހުމުގެ ކުރިން ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމާއި ގުޅޭ ގޮތުން މީހުން ޙޭލުންތެރިކަން އިތުރުކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގެވުމަށް ރާއްވަވާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވާއިރު، މިއީވެސް ގައިން ގަޔަށް ނާރާ ބަލިތަށް ދުރާލާ ދެނަގަތުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
'' ރައްޔިތުންނަށް މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު މިވަނީ ހަމަޖައްސަވާފައި. މެޑިކަލް ޗެކަޕަށް ހެދިގެން ދިއުމުން ދުރާލާ މީހުންނަށް އެނގިގެންދާނެ އެފަދަ ބަލިތަށް، ކެންސަރުގެ އަލާމާތެއް، ހަކުރު ބަލީގެ އަލާމާތެއް ފެނިގެންދާނެ. މިފަދަ ކަންތައްތައް ދެނެގަނެވި އޭގެ ސަބަބުން ދުރާލާ ޕްރިކޯޝަންތައް ނެގިގެންދާނެ މީއީވެސް މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅުނު މުޙިންމު ފިޔަވަޅެއް'' ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން ހިންގަވާ މި ޕްރޮގްރާމްތަކުގައ ރާއްޖެއަށް އެތެރެވާ ބިދޭސީންގެ މެޑިކަލް ޗެކަޕްތައް ބެލޭނެ ހަރުދަނާ ނިޒާމެއްވެސް ގާއިމްކުރައްވާނެކަމަށެވެ. މީގެއިތުރުން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކާ މެދު އާންމުން ހޭލުންތެރިކޮށް މަދިރި ނައްތާލުމަށް ޤައުމީ ފެންވަރުގައި މިއަހަރުވެސް ގިނަ ޙަރަކާތްތަކެއް ހިންގެވުމަށް ނިންމަވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.