ތެލެސީމީއާ ހުރިތޯ ބެލުމަށް މައިމީހާގެ ބަނޑުގައި ދަރިފުޅު އޮއްވާ ޓެސްޓުކުރެވޭނެ ނިޒާމު ރާއްޖޭގައި ޤާއިމްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ތެލެސީމިއާ އަކީ ރާއްޖޭގައި ނިސްބަތުން ގިނަ ބައްޔެކެވެ. ޕަބްލިކް ސަރވިސް މީޑިޔާ ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ތެލެސީމީއާ ހުރިތޯ ބެލުމަށް މައިމީހާގެ ބަނޑުގައި ދަރިފުޅު އޮއްވާ ޓެސްޓުކުރެވޭނެ ނިޒާމު ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށެވެ. މިއީ މުޅިން އަލަށް ރާއްޖޭގައި ފަށްޓަވަން ނިންމަވާފައިވާ ޙިދުމަތެކެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ ލެބޯޓްރީ ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވާ ކަމަށާއި އެމަސައްކަތް ނިމޭއިރު، އެތަނުން ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމުގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. ހެލްތް މިނިސްޓަރ ވިދާޅުވީ، ފާއިތުވި ތިން އަހަރުގެ ތޭރޭގައި އަތޮޅުތެރޭގައި ހުރި ހޮސްޕިޓަލްތަކުގެ ލެބޯޓްރީ ތަރައްޤީކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
އަތޮޅު ތެރޭގައި ހުރި 13 ހޮސްޕިޓަލަކުން މިހާރުވެސް ތެލެސީމިއާއަށް ސްކްރީނު ކުރުމުގެ ޚިދުމަތް ދެމުންދާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އަތޮޅުތެރޭގެ 80 ސެންޓަރަކުން ލޭ އެޅުމުގެ ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު 5 ހޮސްޕިޓަލެއްގައި ލޭ ރައްކާކުރެވޭނެ ނިޒާމްވެސް ޤާއިމްކުރައްވާފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގައި ތެލެސީމިއާގެ ސަބަބުން ލޭ އަޅަންޖެހޭ ކުދިންގެ ދަފްތަރުގައި 844 ކުއްޖަކު ރަޖިސްޓްރީވެފައި އެބަތިއްބެވެ. މީގެ ތެރެއިން 721 ކުދިން ދުނިޔޭގައި އެބަތިއްބެވެ.