ޚަބަރު

ޙައްޖު ކޯޕަރޭޝަނުން އެންމެ ގިނަބަޔަކު ޙައްޖަށްގެންދިޔައީ 2016ގައި


ނިމިގެންދިޔަ 2016 ވަނަ އަހަރަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިހާތަނަށް އެންމެ ގިނަ ބަޔަކު ޙައްޖަށް ގެންދިޔަ އަހަރު ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. އެކޯޕަރޭޝަނުން ވަނީ 2016 ވަނަ އަހަރަކީ އެކުންފުޏްނަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މިދިޔަ އަހަރު ރާއްޖެއަށް ސަޢުދީ ސަރުކާރުން 2،000 ކޯޓާ ދެއްވިއެވެ. މިކަން ހަމަޖެހިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް 2016 ވަނަ އަހަރު ސަޢުދީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. img:http://s2.psmnews.mv/images/660x400/14713420392366.jpg|ރާއްޖެއިން ޙައްޖަށް ދިޔަ ގްރޫޕެއް މައްކާގައި - ފައިލް ފޮޓޯ: ޙައްޖު ކޯޕަރޭޝަން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އުފައްދަވާފައިވަނީ، ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވެފައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ޙައްޖަށް ދިޔުމުގެ ގަސްދުގައި ފައިސާ ޖަމާކުރާ ފަރާތްތަކުގެ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްކޮށްދެއްވުމުގެ މަޤްޞަދުގައެވެ. އަދި މިއީ ދައުލަތަށް ފައިދާ ހޯއްދެވުމަށްވުރެ ބޮޑަށް ޚިދްމަތެއް ފޯރުއްވައިދެއްވުމަށް އުފައްދަވާ އަދި ދަރަންޏަށް ޒިންމާވާންޖެހޭ ކުންފުންޏެކެވެ.

ޙައްޖު ކޯޕަރޭޝަން ވުޖޫދަށް އައުމާއެކު، ޙައްޖާއި ޢުމްރާއަށްދާ ދިވެހި ރައްޔިތުންނަށް މިވޭތުވެދިޔަ ތަނުގައި ދިމާވި އެތައް ތަކްލީފަށް މިއަދު ވަނީ ޙައްލު ލިބިގެން ގޮސްފައެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ޙައްޖާއި ޢުމްރާއަށް ދާ ފަރާތްތަކުގެ ފައިސާއަށް އަމާނާތްތެރިކަމާއި ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ހޯއްދަވައިދެއްވުމެވެ. img:http://s4.psmnews.mv/images/660x400/14713432560530.jpg|މިއަހަރު ރާއްޖެއިން ޙައްޖަށް ބަޔަކު މައްކާގައި - ފޮޓޯ: ޙައްޖު ކޯޕަރޭޝަން

ނިމިގެންދިޔަ 2016 ވަނަ އަހަރު ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި 1000 މީހުން ޙައްޖުގެ އަޅުކަން އަދާކުރިއެވެ. އަދި އެކޯޕަރޭޝަނުން 5 ބުރެއްގެ މަތިން ވަނީ ޢުމްރާއަށް މީހުން ގެންދަވާފައެވެ. އެގޮތުން ޖުމްލަ 180 މީހަކު ޢުމްރާގެ އަޅުކަން އަދާކުރިއެވެ.

ޙައްޖު ކޯޕަރޭޝަނުން ގެންދަވަނީ އެކުންފުނިން ދެމުންގެންދަވާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޒުވާން ޢުމުރުގައި ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ވަޒީފާގައި އުޅޭ ފަރާތްތަކަށް އަމާޒު ކުރައްވައިގެން މުވައްޒަފުންގެ ސްކީމް ވަނީ 2016 ވަނަ އަހަރު އިފްތިތާޙު ކުރައްވާފައެވެ. މި ސްކީމްގައި މިހާތަނަށް ސަރުކާރުގެ 38 އިދާރާއަކުން މުވައްޒަފުން ބައިވެރިކޮށްފައިވެއެވެ. img:http://s2.psmnews.mv/images/660x400/14726538861160.jpg|ދިވެހި ޙައްޖާޖީންތަކެއް ތަވާފް ކުރަނީ - ފައިލް ފޮޓޯ: ޙައްޖު ކޯޕަރޭޝަން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޖަމާކުރާ ފައިސާ އިސްލާމީ ހަމަތަކުގެ މަތީން އިންވެސްޓްކުރައްވައި، ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި 111 މިލިއަން ރުފިޔާ އިންވެސްޓުކޮށްފައިވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހަމާކުރައްވައެވެ. އެކޯޕަރޭޝަނުން އިސްކަން ދެއްވަނީ މެމްބަރުން ކޯޕަރޭޝަންގައި ޖަމާކުރާ ފައިސާ އިސްލާމީ ހަމަތަކުގެ މަތީން އިންވެސްޓުކުރައްވައި ނަފާ ހޯއްދެވުމަށެވެ. އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާގެ 95 އިންސައްތަ ބަހަނީ ޙައްޖު ކޯޕަރޭޝަންގެ މެންބަރުންގެ މެދުގައެވެ. މި އިންވެސްޓުތަކާއެކު ޙައްޖު ކޯޕަރޭޝަން މިހާރު ވެފައިވަނީ އިސްލާމިކް ފައިނޭންސް ދިވެހިރާއްޖޭގައި ހަރުދަނާކޮށް ފުޅާކުރުމަށް މުހިންމު ދައުރެއް އަދާ ކުރާ ކުންފުންޏަކަށެވެ. img:http://s3.psmnews.mv/images/660x400/14735261076265.jpg|ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ދިޔަ ބަޔަކު މިނާގައި - ފައިލް ފޮޓޯ: ޙައްޖު ކޯޕަރޭޝަން

ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު އިތުރަށް ތަރައްޤީ ކުރެއްވުމަށް އެކޯޕަރޭޝަނުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މައްކާ މަދީނާއިން ފެންވަރު ރަނގަޅު ހޮޓާތައް ދިގު މުއްދަތަށް ކުއްޔަށް ހިފުމާއި، މަޝާއިރުތަކުގައި ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ސަޢުދީގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އިތުރަށް ހަރުދަނާ ކުރެއްވުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ގެންދަވަނީ ކުރައްވަމުންނެވެ. ހަމައެއާއެކު ޙައްޖާ ޢުމްރާގެ ޚިދުމަތް ފޯރުކޮށްދޭ މިސަރަޙައްދުގެ ޤައުމުތަކާއި ގުޅުން ބަދަހިކުރައްވައި، ގުޅިގެން ކުރެވޭނެ މަސައްކަތްތަކަށް އަމާޒުކުރައްވައި، ދިގު މުއްދަތުގެ ޕްލޭންތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. މިކަންކަމުގެ ނަތީޖާއަކަށް ވެގެންދާނީ ކުރިން ދިވެހި ޙައްޖުވެރިން އުފުލަމުން ދިޔަ އެތައް ބުރަތަކަށް ލުއިކަމެއް ލިބި ހިތްހަމަޖެހުމުގައި އަޅުކަން ފުރިހަމަ ކުރުމަށް މަގުފަހިވެގެން ދިއުންކަން އެ ކޯޕަރޭޝަނުން ފާހަގަކުރައްވައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގައި ފަސްހާހަށްވުރެ ގިނަ މެމްބަރުން ރަޖިސްޓްރީކޮށްފައިވެއެވެ.