ޚަބަރު

ނައިފަރު ބަނދަރު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ %75 ނިމިއްޖެ


ޅ.އަތޮޅު ނައިފަރު ބަނދަރު ހެއްދެވުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ނައިފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ނައިފަރު ބަނދަރު ހެއްދެވުމަށް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަވަނީ ދެ ފިޔަވައްސަކަށް ބައްސަވާލައްވައިގެންނެވެ. މިމަޝްރޫޢަށް 890 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށް ދަނީ މިހާރު ނައިފަރުގައި ހަދާފައި އޮތް 350 ފޫޓު ފުޅާ އަދި 800 ފޫޓު ދިގު ބަނދަރާއި، އަލަށް ހައްދަވާ ބަނދަރު ގުޅާލައި، ދެ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތެވެ. މިމަސައްކަތް މިހާރު ނިމެން ކައިރިވެފައިވާ ކަމަށް އެމްޓީސީސީއާ ޙަވާލާދެއްވައި ނައިފަރު ކައުންސިލުން ވިދާޅުވެއެވެ. ނައިފަރު ކައުންސިލުގެ މެމްބަރު ޔަޙުޔާ މުޙައްމަދު ވިދާޅުވީ، ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާ ކަމަށެވެ.

ބަނދަރު ހެއްދެވެމުގެ ދެވަނަ ފިޔަވަހީގައި ކުރައްވާނީ، މިހާރު އޮތް ބަނދަރުގެ ބޭރު ތޮށިގަނޑު ހިލަތޮށްޓަށް ބަދަލުކުރުމާއި، އަލަށް ހައްދަވާ ބަނދަރު ގުޅުވާލުމުގެ މަސައްކަތް ކަމަށް ނައިފަރު ކައުންސިލުން ވިދާޅުވެއެވެ. އަލަށް ހައްދަވާ ބަނދަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢު ނިމިގެންދާއިރު، ނައިފަރު ބަނދަރުގެ ދިގުމިނުގައި 1600 ފޫޓު އަދި ފުޅާމިނުގައި 350 ފޫޓު ހުންނާނެއެވެ. މި މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މިމަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ޙަވާލުކުރައްވާފައިވަނީ 27މެއި 2015 ގައެވެ.