ތަޢުލީމު

ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯހެއް އަންނަ އަހަރު ފަށަނީ


އަންނަ އަހަރު، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯހަކާއި އިމާމްކަމުގެ ޑިޕްލޮމާ ކޯހެއް ފެއްޓެވުމަށް އެ މަރުކަޒުން ނިންމަވައިފިއެވެ. އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަވާ އެ މަރުކަޒުގެ ހުރިހާ ޕްރޮގްރާމްތަކަކީވެސް ހިލޭ ހިންގަވާ ޕްރޮގްރާމްތަކެކެވެ.

ކީރިތި ޤުރުއާނުގެ ފަންނާއި ސުންނަތް ދިރުވުމުގެ މަސައްކަތް ކުރެއްވުމުގެ ގޮތުން ޤުރުއާނާބެހޭ މަރުކަޒެއް އުފައްދަވާފައިވަނީ 2000 ވަނަ އަހަރުގައެވެ. އެ މަރުކަޒުން ކުރައްވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ތަޖްވީދު މަގުން ޤުރުއާންކިޔަވަން ދަސްކޮށްދިނުމާއި، ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ދެމެހެއްޓުމަށް މަސައްކަތްކުރުމާއި، ޤުރުއާނާއި ސުންނަތާއި ގުޅުން ހުރި ދިރާސާތައް ކުރައްވައި ޝާއިޢުކުރުން ހިމެނެއެވެ. އަދި ޤުރުއާނުގެ ފަންނު ތަރައްޤީކޮށް ސުންނަތް ދިރުވުމުގެ ގޮތުން ޙާފިޒުން ތަމްރީންކުރެއްވުމާއި  ޤުރުއާނުގެ ފަންނާގުޅޭ ހަތަރު ލެވެލެއްގެ ކޯސްތަކެއް އެ މަރުކަޒުގައި ހިންގަވައެވެ.

އެ މަރުކަޒުގައި ހިންގަވާ ކޯސްތައް އިތުރަށް ފުޅާކުރެއްވުމުގެ ގޮތުން ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯހެއް އަންނަ އަހަރު ފެއްޓެވުމަށް އެ މަރުކަޒުން ވަނީ ނިންމަވާފައެވެ. މި ކޯހަކީ، ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ތަމްރީންކުރެއްވުމަށް ހިންގަވާ ކޯހެއް ކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއެވެ. މިއީ މިފަދަ ޑިގްރީ ކޯހެއް އެ މަރުކަޒުގައި ފަށްޓަވާ ފުރަތަމަ ފަހަރެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ މި ކޯހުގައި ޤުރުއާނުގެ ޢިލްމާއި ދީނީގޮތުން ދަރިވަރުންނަށް އެގެންޖެހޭ މުހިންމު ބައިތަކެއް ހިމެނޭނެ ކަމަށެވެ.

"ވަރަށް ގިނަ ފަރާތްތަކަށް ހީވެފައި އޮންނަނީ ހަމައެކަނި ޤުރުއާން މުދައްރިސުންނޭ ބުނީމަ މީހުންގެ ހިތަށް އަރާފާނެ އެއި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމޭ. އެކަމަކު ޤުރުއާން ކިޔެވުމުގެ އިތުރުން ޤުރުއާން ކިޔެވުމުގެ ފަންނުތަކާއި، ޤުރުއާނާއި ބެހޭ ޢިލްމުތަކުގެ އިތުރުން ޢަރަބި ބަހާއި އަދި ރަސޫލާގެ ސުންނަތުގައި ހިމެނޭ ސައިންޓިފިކް މުޢުޖިޒާތްތަކާއި ބެހޭ ގޮތުން ވެސް އޭގައި މޮޑިއުލެއް ހިމެނޭނެ" އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.

ހަތަރު އަހަރުގެ މި ޑިގްރީ ކޯހުގައި ބައިވެރިވެވެނީ ޤުރުއާން މުދައްރިސްކަމުގެ އެޑްވާންސް ސެޓްފިކެޓް ނުވަތަ ޤާރީ ކޯހުގެ ލެވެލް ހަތަރެއްގެ ސެޓްފިކެޓް ޙާޞިލްކޮށްފައިވާ މީހުންނަށެވެ. ޤުރުއާން މުދައްރިސްކަމުގެ ޑިޤްރީ ކޯހުގެ އިތުރުން ރާއްޖޭގެ މިސްކިތްތަކަށް ބޭނުންވާ އިމާމުން ތަމްރީންކުރެއްވުމަށް އެ މަރުކަޒުގައި މިހާރުވެސް ކުރިއަށް ގެންދަވާ އިމާމްކަމުގެ ޑިޕްލޮމާ ކޯސް އަންނަ އަހަރުވެސް ކުރިއަށް ގެންދަވާނެ ކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ.

އިމާމްކަމުގެ ޑިޕްލޮމާ ކޯހުގައި ބައިވެރިވެވޭނީ ޤުރުއާނާބެހޭ މަރުކަޒުން ހިންގަވާ ކޯހަކުން ނުވަތަ އެފެންވަރުގެ އެ ފަންތީގެ ކޯހަކުން ލެވެލް 3 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވާ މީހުންނަށެވެ. އަދި މި ކޯސް ފުރިހަމަކުރާ މީހުންނަށް އިމާމްވެ ހުކުރު ނަމާދުކުރުމާއި ޖަމާޢަތްތެރިކަމުގެ ހުއްދަވެސް ލިބޭނެ ކަމަށް ޤުރުއާނާބެހޭ މަރަކަޒުން ވިދާޅުވެއެވެ.