ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، ފުށުއެރުންތައް ނައްތާލެއްވުމަށްޓަކައި ސިންގަޕޫރު ސަރުކާރާ ގުޅިވަޑައިގެން ޚާއްޞަ ދިރާސާއެއް ކުރައްވަމުން ގެންދަވާކަމަށް ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައ އެޓާރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ 2008 ވަނަ އަހަރު ފާސްކުރެއްވުމުގެ ކުރިން ހުރި ބައެއް ޤާނޫނުތަކާއި އަލަށް ފާސްކުރެއްވި ޤާނޫނުއަސާސީއާ ދެމެދު ފުށުއެރުންތަކެއް ހުރުމާއެކު، ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރެއްވި މައިގަނޑު މަސައްކަތަކީ، ޤާނޫނީގޮތުން ހުރި ފުށުއެރުންތައް ނައްތަވާލެއްވުމުގެ މަސައްކަތްކަމަށެވެ. އެގޮތުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މިކަމުގައި ބޮޑެތި ކާމިޔާބީތަކެއް ޙާޞިލުކުރެއްވިފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ބަންޑާރަ ނައިބު އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވީ، ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އެއްޤާނޫނު އަނެއް ޤާނޫނަށް ފުށުއެރުންތައް ހުރި ނެތް މިންވަރު ދެނެގަތުމަށްޓަކައި ސިންގަޕޫރު ސަރުކާރާ ގުޅިވަޑައިގެން ދިރާސާއެއް ކުރައްވަން ފައްޓަވާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ޤާނޫނީ ނިޒާމު އިތުރަށް ހަރުދަނާކުރެވި، ޤާނޫނީ ގޮތުން ފުށުއެރުންތަކެއް ހުރިނަމަ އެ ފުށުއެރުންތައް ނައްތާލެއްވުމަށް ކުރައްވާ ބޮޑު މަސައްކަތެއް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ބަންޑާރަނާއިބުގެ އޮފީހުން ވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ހަރުދަނާ ކުރެއްވުމަށްޓަކައި ޤާނޫނުއަސާސީއާ ތަޢާރަޒްވާ ބައެއް ޤާނޫނުތައް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިގެން އުވާލައްވާފައެވެ. އަދި ބައެއް ޤާނޫނުތަކަށް މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ.