ރާއްޖޭގެ ކްރިކެޓް ބޯޑަށްވެސް އަހަރުތަކަކަށްފަހު މިވަނީ ބަދަލުތަކެއް އައިސްފައެވެ. ނަމަވެސް ބަދަލުވީ އެގްޒެކްޓިވް ކޮމިޓީއެވެ. ކޮމިޓީގެ މެމްބަރުންނެވެ. އަލަށް އިންތިޚާބުވެ، ފާއިތުވި ތިން ހަތަރު މަހު ކްރިކެޓްގެ އާ ވިސްނުންތަކެއް ނެރެގެން ކްރިކެޓް ކުރިއަރުންވަން މަސައްކަތް ކުރަމުންދާ ޓީމަކީ ކްރިކެޓްގެ މެމްބަރުންނެވެ. ކުރީގެ ކުޅުންތެރީންނެވެ. ކްރިކެޓަށް ލޯބި އޮތް ކްރިކެޓްގެ ޚިދުމަތްތެރީންނެވެ.
އާ ބޯޑްގެ އެންމެ ބޮޑު ވިސްނުމަކީ ނުވަތަ ލިސްޓްގެ އެންމެ ކުރީގައި އޮތީ ސީނިއަރ ޤައުމީ ކްރިކެޓް ޓީމެވެ. އެޓީމަށް ފުރުޞަތު ހޯދައިދީ، ކުޅުންތެރިން މޯޓިވޭޓްކުރުމެވެ. އެއީ އެންމެންގެ އުއްމީދާއި ގުޅޭ ޓީމަކީ ޤައުމީ ޓީމްކަމަށްވާތީއެވެ.
" އަޅުގަނޑުމެން ހޮވުމުން އެންމެ ފުރަތަމަވެސް ވިސްނީ ޤައުމީ ޓީމާ ދޭތެރޭ. ޤައުމީ ޓީމަށް ކޮންކަމެއްތޯ ކޮށްދެވޭނީ. ކޮންމެ ކުޅިވަރެއްގައިވެސް ޤައުމީ ޓީމަކީ ޕަބްލިކް އެންމެ ބޮޑަށް ބަލައިގަންނަ، އެންމެ ބޮޑަށް ވިސްނާ ޓީމް. އެހެންވީމަ އަޅުގަނޑުމެން މިބަލަނީ ރާއްޖޭގެ ޤައުމީ ޓީމް ކިހާ ހިސާބަކަށްތޯ ގެންގޮސްދެވޭނީ. " ކްރިކެޓް ބޯޑްގެ ރައީސް މުޙައްމަދު އަފްލާހް އޭނާގެ ޓީމްގެ މަސައްކަތްތައް ބައްޓަންކުރައްވާނެ ގޮތްތައް ވިދާޅުވިއެވެ.
img:http://s1.psmnews.mv/images/660x400/14816989389026.jpg|ކްރިކެޓް ބޯޑްގެ ރައީސް ކުޅުންތެރިއަކަށް ހަނދާނީ ލިޔުން ދެއްވަނީ. އެންމެ ބޮޑު އިސްކަމެއް ޤައުމީ ޓީމަށް. ފޮޓޯ- ކްރިކެޓް ބޯޑް
ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުޅެން ލިބޭ މެޗުތައް މަދުވުމެވެ. މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތު މަދުވުމެވެ. އެންމެފަހު ޤައުމީ ޓީމް ވާދަކުރި މުބާރާތަކީވެސް 2015 ވަނަ އަހަރުގެ ޖެނުއަރީމަހު ދުބާއީގައި އޮތް އޭސީސީ ޓްވެންޓީ ޓްވެންޓީ މުބާރާތެވެ. އޭގެފަހުން އައި.ސީ.ސީގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު ރާއްޖޭގެ ޓީމަށް ފުރުޞަތުތައް މަދުވިއެވެ. ފާޑަކަށް ޑިސްކޮލިފައިވިއެވެ. މިކަމަށް ހައްލެއް ހޯދާ ޤައުމީ ޓީމްގެ ކުޅުންތެރިންނަށް އުއްމީދުތަކެއް ގެނެސް، ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުން ވެގެންދިޔައީ އާ ބޯޑަށް ކުރިމަތިވި އެންމެ ބޮޑު އެއް ޗެލެންޖަށެވެ.
" އެކުދިން ހިފަހައްޓަންޖެހޭ އެބަ، މޯޓިވޭޓްކޮށްގެން ކުރިއަށްދާން. ނަސީބުކަންދިމާކުރި ގޮތުން އޭސީސީގެ އޭޖީއެމް އޮތީ އިންތިޚާބުގެ ފަހުން. އޭޖީއެމްއަށް ގޮސްސަ ވަރަށްގިނަ ޤައުމުތަކާ ވާހަކަދައްކައިގެން ވަރަށް ރަނގަޅު އިޖާބައެއް ލިބުނު. އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ސްރީލަންކާއާއި، މެލޭޝިޔަން ކްރިކެޓް ބޯޑުން. މިވަގުތަށް އެންމެ ރަނގަޅު ފުރުޞަތެއް އޮތީ މެލޭޝިޔާ ކްރިކެޓް ބޯޑުން. އެމީހުން ބުނީ ޤައުމީ ޓީމް ގޮވައިގެން އަންނާށޭ. " ކުރިން ޤައުމީ ޓީމަށްވެސް ކުޅުއްވި އަފްލާހް ވިދާޅުވިއެވެ.
ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް މިހާރު ތައްޔާރުވަމުންދަނީ މެލޭޝިޔާގެެ ކްރިކެޓް ބޯޑްގެ ދައުވަތަށް އެޤައުމަށް ދިއުމަށެވެ. މިމަހުގެ 28 ން އަންނަ ޖެނުއަރީ މަހުގެ ހަތެއްގެ ނިޔަލަށް މެލޭޝިޔާގައި ހަތް މެޗު ކުޅުމުގެ ފުރުޞަތު މިހާރު އޮތީ ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޓީ 20 ގެ ތިން މެޗާއި، 50 އޯވަރުގެ ހަތަރު މެޗެވެ.
" ޤައުމީ ޓީމަށް އެއޮތީ ކުދިން މޯޓިވޭޓްކޮށްދޭނެ ރަނގަޅު ފުރުޞަތެއް ލިބިފަ. މުބާރާތްތައްވެސް އާގޮތްތަކަށް ބަދަލުކޮށް، ކުޅޭ މެޗުތަކުގެ ތެރެއިން މޮޅުވާ ކޮންމެ މެޗަކަށް ފައިސާ ލިބޭގޮތަށް ބަދަލުކޮށްގެންވެސް މޯޓިވޭޓް ކުރަން މިވިސްނަނީ. " މޯޓިވޭޓްކުރަން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަން ހާމަކުރައްވަމުން އަފްލާހު ވިދާޅުވިއެވެ.
ސީނިއަރ ޓީމްގެ އިތުރުން ޖޫނިއަރ ޓީމްތައް އަދި އުމުރުފުރާގެ އެހެން ޓީމްތަކަށްވެސް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ އެމީހުން ޕްރެކްޓިސްކުރަން ޖެހޭ ނުވަތަ ކުޅެންޖެހޭ ސަބަބެއް ނެތުން ނުވަތަ ނޭންގުންކަމަށް އަފްލާހް ޤަބޫލުކުރައްވައެވެ. ހުރި ބައެއް ފުރުޞަތުތައްވެސް ނޭންގި އޮންނަކަމަށް އޭނާ ވިދާޅުވިއެވެ.
" ކްރިކެޓް ކުޅެން އަންނަ ކުދިންނަށް ލުކްފޯވާޑް ކުރަން އެއްޗެއް ނެތިއްޔާ ތަންކޮޅެއް މޯޓިވޭޓްކުރަން އުނދަގޫވާނެ. ޑިސްކަރޭޖްވާނީ. ކިހާދުވަހެއްތޯ އެމީހުން އެގޮތަށް ޕްރެކްޓިސް ކުރަން ތިބޭނީ. ކިހާދުވަހެއްތޯ ކުޅޭނީ، ކޮބަތީ ބޭނުމަކީ. " ކްރިކެޓް ބޯޑްގެ އަމާޒަކީ މިސުވާލުތަކަށް ޖަވާބު ހޯދައިދީ ހައްލު ގެނައުމެވެ.
img:http://s3.psmnews.mv/images/660x400/14816989944370.jpg|ކްރިކެޓްގެ މޮޅު ކުޅުންތެރިންނަށް އެވޯޑް ދެއްވަނީ. އެންމެ މުޙިންމީ މޯޓިވޭޓް ކުރުން. ފޮޓޯ- ކްރިކެޓް ބޯޑް
މިކަންކަން ހައްލުކޮށްގެން ކްރިކެޓްކީ ވަރލްޑްކަޕް ލެެލަށް ދެވިދާނެ ކުޅިވަރެއްކަމަށް ބޯޑްގެ ރައީސް އަފްލާހް ވިދާޅުވިއެވެ. އޭގެ އެއްސަބަބަކީ މިޞަރަހައްދުގެ ޤައުމުތަތަކީ ކްރިކެޓްގެ ވަރލްޑްކަޕް ޗެމްޕިއަނުންނަށްވުމެވެ. ރާއްޖޭގެ ސީނިއަރ ކްރިކެޓް ޓީމް މިގެކުރިން ވަނީ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. 2005 އަދި 2006 ވަނަ އަހަރު އޭސީސީ އިމަރޖިންގ ނޭޝަންސްކަޕްގެ ޗެމްޕިއަންކަން ހޯދިއެވެ. 2011 ވަނަ އަހަރު ޗެލެންޖް ޓްރޮފީ އުފުލާލިއެވެ.
" އެހިސާބަށް އެނބުރިދާން ބޭނުންވަނީ. ގޮސްގެން ތިބި ޤައުމުތަކަށް އަނެއްކާވެސް ޗެލެންޖެއްދޭން " އިތުބާރާއެކު އަފްލާހު ވިދާޅުވިއެވެ.
އެހިސާބަށް ދިއުމަށް ކުރައްވާ މަސައްކަތުގައި މުބާރާތްތައް އިތުރުކޮށް، ފޯމެޓަށް ބަދަލުތަކެއް ގެނެސް އަތޮޅު ޑިވެލޮޕްމަންޓަށްވެސް ވަނީ ޚާއްޞަ ސަމާލުކަމެއް ދެއްވަން ފައްޓަވާފައެވެ.