ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް ސްރީލަންކާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސްރީލަންކާގެ ފޮރިން މިނިސްޓަރ މަންގަލަ ސަމަރަވީރާއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވަނީ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވިދާނެ އިތުރު ދާއިރާތަކާ ގުޅޭގޮތުންނެވެ. އެގޮތުން ޖޮއިންޓް ކޮމިޝަނަކުން އެފަދަ ދާއިރާތައް ދެނެގަތުމުގެ މުހިންމުކަމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
މިބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް ވަނީ ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި އިއްޔެވަނީ ސްރީލަންކާގެ ފިނޭންސް މިނިސްޓަރ ރަވީ ކަރުނާޔަކެއާ ބައްދަލުކުރައްވައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ޚާރިޖީ ވަޒީރު އާސިމް ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ އެމަނިކުފާނު ފޮރިން މިނިސްޓަރގެ މަޤާމާ ހަވާލުވެވަޑައިގެންނެވިފަހުން ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.