ޚަބަރު

މިނިވަން ގެއްލިދާނެފަދަ މަންޒަރުތައް އަދިވެސް ފެނޭ- އަޒްލީން


ދިވެހިރާއްޖޭގެ މިނިވަންކަމާއި ޞިޔާދަތު ގެއްލިދާނެފަދަ މަންޒަރުތައް އަދިވެސް ބައެއް ދިވެހިންގެ ފަރާތުން ފެންނަމުންދާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ. 

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ދިވެހިރާއްޖޭއަކީ މިނިވަން ޤައުމަކަށް ވީނަމަވެސް ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް ދަހިވެތިކަމާއެކު ބަލަމުންދާކަން ހަނދާންކޮށް އެކަމަށް ހުށިޔާރުވެ ތިބެންޖެހޭނެކަމަށެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ބޭރުގެ ފަރާތްތަކުން ޤައުމުތަކާ މިހާރު ކުރަމުންދަނީ ފިކުރީ ހަނގުރާމައެއްކަމަށާއި، މިފަދަ ހަނގުރާމަތަކުގެ ނުރައްކާ ޤައުމުގެ މިނިވަންކަމަށް ކުރިމަތިވެދާނެކަމަށެވެ. އެހެންކަމުން ދިވެހި އެންމެހައި ރައްޔިތުން މިފަދަ ކަންކަމަށް ހުށިޔާރުވެ ތިބެން ޖެހޭނެކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ޞީޔާދަތު ކަށަވަރުކުރައްވައި، ރާއްޖޭގެ ދާޚިލީ ކަންކަމަށް ބާރުފޯރުވުމުގެ ފުރުޞަތު ބޭރުގެ ފަރާތްތަކަށް ނުދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ މިނިވަންކަމުގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރާ ސިޔާސަތެއްކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދާޚިލީ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކޮށްދެއްވުމަށް ބޮޑެތި، އުނދަގޫ ނިންމެވުންތަކެއް ސަރުކާރުން ނިންމަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިދަންނަވަނީ ރާއްޖޭގެ އެންމެ އެތެރޭގެ ދާޚިލީ ކަންކަމާ ބެހި ޤައުމުގެ ހަމަޖެހުމަށް ހުރަސް އެޅޭފަދަ ކަންތައްތަކެއް ކޮމަންވެލްތުން ކުރަމުން ގެންދަނިކޮށް އެޖަމިއްޔާއިން ވަކިވުމަށް ނިންމި ނިންމުމުގެ ވާހަކަ." އަޒްލީން ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ޞިޔާދަތަށް ބުރޫއަރާފަދަ ޢަމަލުތަކެއް ދިވެހިންގެ ތެރެއިން ބަޔަކު ކުރަމުން ދާކަމަށާއި، މިއީ ދިވެހި ޤައުމާ ދެކޮޅަށް ކުރަމުންދާ ކަންކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޤައުމުގެ މިނިވަންކަމާއި ކުޅެން މަސައްކަތް ކުރަމުންދާ ބައެއްގެ އަވާގައި ދިވެހި ދަރިން ޖެހެމުންދާ މަންޒަރު ފެންނަމުންދާތީ. އަދި އެބައެއްގެ ހިމާޔަތުގައި ދިވެހިރާއްޖޭގެ އޮންނަންޖެހުނު އިނގިރޭސީންގެ ހިމާޔަތުގައި އަދިވެސް ދިވެހި ދަރިންތަކެއް ތިބިކަމީ ހިތާމަހުރި ކަމެއް." އަޒްލީން ވިދާޅުވިއެވެ. 

ހޯމް މިނިސްޓަރ ވިދާޅުވީ ދިވެހިރައްޔިތުންގެ ސިޔާދަތާއި މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ސަރުކާރުން ދިފާޢު ކުރައްވާނެކަމަށާއި، ދިވެހިރައްޔިތުންގެ ސުލްޙަ މަސަލަސްކަން ސަރުކާރުން ކަށަވަރުކޮށް ދެއްވާނެކަމަށެވެ. ބޮޑުތަކުރުފާނުގެ ޤައުމީ ޢަބްދުޠާލުންގެ ޖިހާދުން ޢިބްރަތް ޙާޞިލްކޮށް، އެފަދަ ޤައުމީ ޢަބްޠާލުންގެ ޒިކުރާ ދިވެހި ޤައުމު އަބަދުވެސް ޢާކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.