ޚަބަރު

ކައުންސިލްތަކުގެ ފައިސާ ބަލަހައްޓާ މުވައްޒަފުން ތަމްރީން ކުރުން


ފިނޭންސް މިނިސްޓްރީން ދާދިފަހުން ނެރުއްވި އައު ފޯމެޓާ އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ މާލީ ބަޔާންތައް ތައްޔާރުކުރުމަށް ހުރިހާ ކައުންސިލްތަކުގެ ފައިސާ ބަލަހައްޓާ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތު ބައްދަލުވުންތަކެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފައްޓަވައިފިއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް އަމާޒުކުރައްވައިގެން ކުރިޔަށް ގެންދަވާ މި މަސައްކަތު ބައްދަލުވުން ފަށްޓަވާފައިވަނީ ހައްދުންމަތީ ފޮނަދޫގައެވެ. އަދި މީގެ ބައްދަލުވުމެއް ފުވައްމުލަކާއި އައްޑޫ ސިޓީގެ ކައުންސިލް މުވައްޒަފުންނަށް މިއަދު ފަށްޓަވާނެކަމަށްވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ. މި މަސައްކަތު ބައްދަލުވުންތައް ފަށްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، މިފަދަ ޕްރޮގްރާމެއް ހިންގެވުމުގެ މަޤްސަދަކީ ރަނގަޅު މާލީ ބަޔާންތަކެއް ކައުންސިލްތަކުން ތައްޔާރު ކުރުމަށް އެހީތެރިވެ ދެއްވުން ކަމަށެވެ. އަދި މި މަސައްކަތު ބައްދަލުވުންތަކަށްފަހު ކައުންސިލްތަކުގެ މިއަހަރުގެ މާލީ ބަޔާންތައް ކައުންސިލްތަކުން ހުށަހަޅުއްވާއިރު ފުރިހަމަ ބަޔާންތަކެއް ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޮޑިޓަރ ޖެނެރަލްގެ ޒިޔަތު ވިދާޅުވިއެވެ.

އޮޑިޓް އޮފީހުން ވިދާޅުވީ މި ޕްރޮގްރާމް ދަށުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ މުވައްޒަފުންނަށް ތަމްރީނުކޮށް އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި މި މަސައްކަތު ބައްދަލުވުންތައް ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 250 މުވައްޒަފުން މާލީ ބަޔާން ތައްޔާރު ކުރުމަށް ތަމްރީން ވެގެންދާނެ ކަމަށް ވެސް އެ އޮފީހުން މައުލޫމާތު ދެއްވައެވެ. މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް އިންޓަނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިން ސްޓޭންޑަރސްގެ ކޭޝް ބޭސިސްއަށް ކައުންސިލްތަކުގެ މާލީ ހިސާބު ތައްޔާރުކުރާނެ ގޮތުގެ ހުނަރު ދަސްކޮށްދެވޭނެ ކަމަށް އޮޑިޓް އޮފީހުން ވިދާޅުވެއެވެ.